ފަލަސްޠީނުގެ ރައީސް މަހްމޫދު އައްބާސް ވަނީ ފަލަސްޠީނަށް ”ދެވަނަ ނަކްބާ“ އެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.
ފަލަސްތީނުގެ ރަސްމީ ނޫސް އެޖެންސީ ވަފާއިން ހުކުރު ދުވަހު ޝާއިއުކުރި ބަޔާނެއްގައި އައްބާސް ވިދާޅުވެފައިވަނީ ”ޣައްޒާއިން މަޖުބޫރުކޮށް ރައްޔިތުން އެކަހެރިކުރުމަކީ މުޅިން ދެކޮޅު ހައްދަވާ ކަމެއް ކަމަށާއި އެއީ އަޅުގަނޑުމެންގެ ރައްޔިތުންނަށް ދެވަނަ ނަކްބާއެއް ފަދަ ކަމަކަށް ވާނެތީ“ ކަމަށެވެ.
ނަކްބާ ނުވަތަ ”ކާރިސާ“ އަކީ 1948 ވަނަ އަހަރު އިސްރާއީލު އުފެދުމާ ގުޅިގެން ހިނގި ހަނގުރާމައިގައި ފަލަސްތީނުގެ 760،000 އެއްހާ މީހުން ހިޖުރަކުރި ނުވަތަ ގެދޮރުން ބޭރުކުރި މީހުންނެވެ.
އޭނާ މިހެން ވިދާޅުވެފައި މިވަނީ 1.1 މިލިއަން މީހުން ދިރިއުޅޭ ސަރަހައްދެއް ކަމަށްވާ އުތުރުން މީހުން ފިލަން އިންޒާރުދީ، އިޒްރޭލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ލީފްލެޓްތައް ވައްޓާލުމާ ގުޅިގެންނެވެ.
އައްބާސް ވަނީ ހުކުރު ދުވަހު އައްމާނުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެންއާ ބައްދަލުކުރައްވާފައެވެ.
އައްބާސްގެ ފަލަސްތީނު އޮތޯރިޓީ އިންނަނީ ހިފާފައިވާ ހުޅަނގު އައްސޭރީގެ ރާމަاللهގައި ކަމަށާއި ޣައްޒާ އޮތީ ހަމާސް ޖަމާއަތުގެ ދަށުގައި ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އިސްރާއީލު ސިފައިން ވަނީ ޣައްޒާއަށް އެތައް ހާސް ހަމަލާތަކެއް ދީ، 1،530 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ ހަނގުރާމަ ފެށުނީ ހަމާސްގެ ހަނގުރާމަވެރިން ބޯޑަރު ހުރަސްކޮށް ދިން ހަމަލާތަކުގައި 1300 އަށް ވުރެ ގިނަ މީހުން މަރުވުމާ ގުޅިގެން ކަމަށެވެ.