ހއ. ދިއްދޫ ބަނދަރަށް ވަނުމުގެ ތެރޭގައި ލޯންޗެއް އެރަށު ނެރަށް އަރާ އެކްސިޑެންޓު ވެއްޖެއެވެ.
މިކަން ހާމަކޮށް ފުލުހުންގެ މީޑިއާ އޮފިސަރު ”ދި ޑެއިލީ“ އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ހއ. ދިއްދޫ ނެރު މައްޗަށް ލޯންޗެއް އުރިގެން އެ ހާދިސާގެ މަޢުލޫމާތު މިރޭ 19:30 ހާއިރު ލިބިފައިވާ ކަމަށެވެ.
މި ހާދިސާގައި ލޯންޗުގައި ތިބި މީހުންނަށް އެކި ވަރުގެ އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މީގެ އިތުރުން މި ހާދިސާގައި ޒަހަމްވި މީހުން ހޮސްޕިޓަލަށް ގެންދިޔުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ދިއްދޫ ބަނދަރަށް ވަންނަން އުޅުމުގެ ތެރޭގައި ނެރަށް އަރާފައި ވަނީ 10 މީހުންނާއެކު ހއ. ވަށަފަރުން އައި ލޯންޗެކެވެ.
މިގޮތުން ލޯންޗުގައި ދަތުރުކުރި 10 މީހުންނަށްވެސް އެކި ވަރުގެ ޒަޙަމްތައް ލިބިފައިވާއިރު، އޭގެ ތެރެއިން އެކަކު އަދި ހޭވެސް ނާރާ ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.