ފަލަސްތީނުގެ ބިމަކީ މާތް ﷲ ތަޢާލާ ބަރަކާތް ލައްވައި މާތް ކުރައްވާފައިވާ ބިމެއްކަން ހަނދާން ކޮށްދެމުން މިއަދުގެ ހުކުރު ޚުތުބާ ”ފަލަސްތީނާއި އިސްލާމީ އުންމަތް“ މި މައުޟޫއަށް ޚާއްޞަކޮށްފިއެވެ.
ޚުތުބާގައި ބުނީ އިސްލާމީ އުންމަތަކީ އެއް އުންމަތެއް ކަމަށާއި ހުރިހާ މުސްލިމުންނަކީ ވެސް އުހުވަތްތެރި ބައެއް ކަމަށެވެ.
އެގޮތުން ފަލަސްތީނު ރައްޔިތުން ކުރެ ގެދޮރު ގެއްލި، ހާލުގައި ޖެހިފައިވާ ހުވަފަތް އަންހެނުންނާއި، ޅަދަރިންގެ ނުކުޅެދުންތެރިކަމާއި އެމީހުންގެ ބޯމަތިން ކެނޑިނޭޅި އުދުހެމުންދާ ރޮކެޓްތަކުގެ ބިރުވެރިކަން އިހުސާސްކުރެވޭ ކޮންމެ މުސްލިމަކު އެމީހުންގެ ދިފާޢުގައި ނިކުންނަން ޖެހޭ ކަމަށެވެ.
ފަލަސްތީނުގެ ބިމަކީ، މާތް ﷲ ތަޢާލާ ބަރަކާތް ލައްވައި، މާތް ކުރައްވާފައިވާ ބިމެއް ކަން ހަނދާން ކޮށްދެމުން ހުތުބާގައި ބުނީ އެއީ ގިނަ ނަބީބޭކަލުން އެ ބިމަކަށް އުފަންވެ ވަޑައިގެން، އެތައް ނަބީ ބޭކަލުންނެއް ދިރިއުޅުއްވި ބިން ކަމަށެވެ.
މިގޮތުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާއިގެން އެ ބިމަކަށް އިސްރާ ކުރެވުނު މުޤައްދަސް ބިން ކަމަށާއި ކީރިތި ރަސޫލާ މަތިވެރި ވެގެންވާ މިޢުރާޖުގެ ދަތުރުފުޅު ފެއްޓެވީ އެ ބިމުގައި މަސްޖިދުލް އަޤްޞާއިން ކަމަށް ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.
ހަމަ އެހެންމެ އެ ދަތުރުފުޅުގައި އެންމެހާ ނަބީ ބޭކަލުންނާއިގެން، ކީރިތި ރަސޫލާ މަސްޖިދުލްއަޤްޞާގައި ނަމާދު ކުރެއްވި ކަމަށާއި އިޞްރާއާއި މިއުރާޖުގެ މި ދަތުރުފުޅުން، މުސްލިމުންގެ ފުރަތަމަ ޤިބުލަ، އަލްމަސްޖިދުލް އަޤްޞާއާއި ދެވަނަ ޤިބުލަ، ކަޢުބަތުﷲ ގެފުޅާ ހުރި ގުޅުން އަންގައިދޭ ކަމަށެވެ.
މީގެ އިތުރުން ފަލަސްޠީނުގެ ބިމަކީ، ﷲ ތަޢާލާ ބަރަކާތް ލައްވައި، މާތް ކުރައްވާފައިވާ ބިމެއް ކަމަށާއި އެ ބިން ވަނީ މުސްލިމުންގެ މަތިވެރި އަޤީދާއާ ގުޅި ލާމެހިފައި ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.
އެހެންކަމުން މުޅި އިސްލާމީ އުންމަތާއި އެއްބައިވެ ފަލަސްތީނުގެ އަހުންނާއި އުހުތުންނަށް ނަސްރު ދެއްވައި އަނިޔާވެރި ޔަހޫދީ ދައުލަތް ބަލި ކުރެއްވުން އެދި މާތް ﷲ އަށް އިހްލާސްތެރިކަމާއެކު ދެއަތް އުފުލައި ދުޢާ ކުރެއްވުމަށް ޚުތުބާގައި ވަނީ އިސްލާމީ އުންމަތަށް ނަސޭހަތްތެރިވެފައެވެ.