އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ނަމުގައި ދައުރުކުރަމުން އަންނަނީ ފޭކް މެސެޖްތަކެއް ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.
މިކަން ހާމަކޮށް އެ ކޯލިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޑރ. މުޢިއްޒުގެ މޯބައިލް ނަންބަރުން ތަފާތު އެކި އެސްއެމްއެސްތަކާއި ހަޤީޤަތާއި ޚިލާފު ފޭކް މެސެޖުތައްމ ފޮނުވަމުންދާ ކަމަށެވެ.
މިކަމަކީ ނާތަހުޒީބު ފިނޑި ޢަމަލެއް ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށް އެ ކޯލިޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ.
އެކަން ކުރަނީ ކޮންމެ ފަރާތަކުން ނަމަވެސް، މި ފަދަ ނާތަހުޒީބު ޢަމަލުތައް ނުކުރުމަށާއި، އެ ފަދަ މެސެޖެއް ލިބިވަޑައިގެންނެވި ނަމަވެސް އެއަށް ޢަމަލު ނުކުރުމަށް ނަސޭހަތްތެރިވާ ކަމަށް ވެސް އެ ކޯލިޝަނުގެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން ޕްރޮގްރެސިވް ކޯލިޝަނުގެ ބަޔާނުގައި ވަނީ މި މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބަލައި، އެ ކަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ދިވެހި ފުލުހުންނަށް ގޮވާލާފައެވެ.