މާލޭގެ މޭޔަރުގެ މަޤާމަށް ވާދަކުރެއްވުމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ނިންމަވައިފި އެވެ.
މިކަން ހާމަކޮށް ހުސައިން ސޯޝަލްމީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލޭގެ މޭޔަރުގެ މަގާމަށް އޭނާ ވާދަކުރައްވާނެ ކަމަށާއި ހުރިހާ ބޭފުޅުންގެ ތާއީދާއި ލޯތްބާއި ދުޢާ ބޭނުންވާ ކަމަށެވެ.
މީގެ އިތުރުން ގިނަ ބަޔަކު މިސުވާލުގެ ޖަވާބު ބޭނުންވާތީ ދަންނަވާލީ ކަމަށް ހުސައިން ވިދާޅުވެފައި ވެއެވެ.
މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާނެ ކަން ހުސައިން ހާމަކޮށްފައިވީ ނަމަވެސް ވާދަކުރައްވަނީ ކޮން ޕާޓީއެއްގެ ފަރާތުން ކަން އަދި ހާމަކޮށްފައެއް ނުވެއެވެ.
ހުސައިން ވަހީދު ވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމާއި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.