މިއަހަރުގެ ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސްގައި ރާއްޖެއަށް 31 އެވޯޑު ލިބިއްޖެއެވެ.
މިއަހަރުގެ އެވޯޑް ހަފްލާ ބާއްވާފައި ވަނީ އަވަށްޓެރި އިންޑިޔާގެ ބެންގަލޫރުގައި ހުންނަ ޝެރެޓަން ގްރޭންޑް ހޮޓެލްގައެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެކިއެކި ޕްރޮޕަޓީތަކުން ވަނީ ގިނަ އެވޯޑެއް ހާސިލްކޮށްފައެވެ. މިއަހަރުގެ އެވޯޑްގައި ރާއްޖޭގެ ޕްރޮޕަޓީތަކުން ވަނީ 31 އެވޯޑެއް ހާސިލްކޮށްފައެވެ. މީގެތެރޭގައި 14 ގޯލްޑް އެވޯޑާއި، 17 ސިލްވަރ އެވޯޑް ހިމެނެއެވެ.
ވިޒިޓާރސް ޗޮއިސް އެވޯޑްސްއިން ރާއްޖެއަށް ވަނީ ލީޑިން ބީޗް ޑެސްޓިނޭޝަންގެ އެވޯޑް ލިބިފައެވެ. މިއީ އާންމުންގެ ހިޔާލަށް ބަލައި ދެމުން އަންނަ އެވޯޑެކެވެ.
މިއަހަރުގެ އެވޯޑް ހަފްލާގައި ވަނީ ސައުތު އޭޝިއާ ސަރަހައްދުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ 4 ފަރާތަކަށް ”ފޭސަސް އޮފް ސައުތު އޭޝިއާ“ ގެ ނަމުގައި ވަނީ އެވޯޑް ދީފައެވެ.
މި އެވޯޑް ލިބުނު ބޭފުޅުންގެ ތެރޭގައި ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކުރެއްވި އެމްޔޫ އުމަރު މަނިކާއި ހޮޓެލްސް އެންޑް ކޮންސްޓްރަކްޝަންގެ ޗެއަރމަން މުޙައްމަދު އަލީ ޖަނާހް ހިމެނެއެވެ.
ސާޓާ އެވޯޑަކީ ދެކުނު އޭޝިޔާ ސަރަހައްދުގައި ފަތުރުވެރިކަމުގެ ދާއިރާގެ ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. މިއީ ސާޓާ އެވޯޑް ބާއްވާ 7 ވަނަ އަހަރެވެ.
މިއަހަރުގެ ސާޓާ އެވޯޑަށް ސައުތު އޭޝިއާގެ 6 ޤައުމަކުން ވާދަކުރިއެވެ.