ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އާއި އީރާނުގެ ރައީސް އިބްރާހިމް ރައީސީ ފުރަތަމަ ފަހަރަށް ފޯނުން ގުޅުއްވައި ފަލަސްތީނާއި އިސްރާއީލުގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައިފި އެވެ.
މި މުހިންމު މަޝްވަރާއަކީ ޗައިނާގެ މެދުވެރިވެގެން ސަރަހައްދީ ދެ ބާރުގެ މެދުގައި ސިޔާސީ ގުޅުން އަލުން ގާއިމުކުރުމާ ގުޅިގެން ބޭއްވި މަޝްވަރާ ބައްދަލްވުމެ އެކެވެ. އިސްރާއީލުގެ ހަމަލާތަކަށް ފަހު މަރުވި މީހުންގެ އަދަދު 1،000 އަށް ވުރެ މައްޗަށް އަރާފައިވާ ޣައްޒާގެ އަސްކަރީ ހާލަތު ގޯސްވުމާ ބެހޭ ގޮތުން ދެ ލީޑަރުން މަޝްވަރާ ކުރެއްވި އެވެ.
ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އާއި އިބްރާހިމް ރައީސީ 45 މިނެޓުގެ ތާރީޚީ ކޯލްގައި ވަނީ ބައިނަލްއަގްވާމީ ސަމާލުކަން ހޯދާފައިވާ އިސްރާއީލާއި ހަމާސްގެ ހަމަނުޖެހުން ތައް ހުއްޓުވަން ޖެހޭ ކަންކަމަށް އަލިއަޅުއްވާލައްވާފައެވެ.
ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، ހަމަނުޖެހުންތައް ހުއްޓާލަން ޖެހޭކަމަށް ދެ ބޭފުޅުންވެސް ވަނީ ވިދާޅުވެފައެވެ.
ސައޫދީ ޕްރެސް އެޖެންސީން ބުނީ، ވަލީ އަހުދު ވަނީ ހަމަނުޖެހުންތައް ހައްލުކުރުމަށް ސައުދީން ދެމިތިބޭނެ ކަމުގެ ޔަގީންކަން ތަކުރާރުކުރައްވައި، ހަމަނުޖެހުން ތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ އަދި ސަރަހައްދީ ފަރާތްތަކާ އެކު އަމަލީ ގޮތުން މުއާމަލާތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އާންމުންނަށް އަމާޒުކުރާ ހަމަލާތައް ކުށްވެރިކުރައްވައި، ބައިނަލްއަގްވާމީ އިންސާނީ ގާނޫނުތައް ދަމަހައްޓަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ޣައްޒާގެ އިންސާނީ ޙާލަތު ދަށަށް ދިއުމަކީވެސް ސަޢޫދީ ޢަރަބިއްޔާއިން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެކެވެ.