ރާއްޖެއިން އިންޑިއާ ސިފައިން ބާލަން ފަސޭހައެއް ނުވާނެ ކަމަށާއި ނަމަވެސް އެކަން ކުރައްވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީން މިރޭ ގެނެސްދިން ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަފުޅުގައި މުޢިއްޒު ވިދާޅުވީ އިންޑިއާ ސިފައިން ބާލަން ފަސޭހައެއް ނުވާނެ ނަމަވެސް އިންޑިއާ ސަފީރާއެކު ފުރަތަމަ ބޭއްވެވި ބައްދަލުވުމުގައި ވެސް ރައްޔިތުންގެ ސްޓޭންޑް އޮތް ގޮތް ވަރަށް ސާފުކޮށް ދެންނެވިން ކަމަށާއި އެބޭފުޅުން ތިއްބެވީ ޕޮޒިޓިވްކޮށް ކަމަށެވެ.
”ފަސޭހައެއް ނުވާނެ. އެހެންނަމަވެސް ފުރަތަމަ އިމްޕްރެޝަންއަކީ ވެސް އަޅުގަނޑާ ސަފީރާ ބައްދަލުވި ފުރަތަމަ މީޓިންގއިން ވެސް ލިބުނު އިމްޕްރެޝަންއަކީ އެބޭފުޅުން ތިއްބެވީ ޕޮޒިޓިވްކޮށް. އަޅުގަނޑު ވަރަށް ސާފުކޮށް ދެންނެވިން އަޅުގަނޑުމެންގެ ސްޓޭންޑް, ރައްޔިތުންގެ ސްޓޭންޑް އޮތް ގޮތް. އަދި އެބޭފުޅުން އެކަމަށް އެކްނޮލެޖް ވެސް ކުރެއްވެވި.“
އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު މަޝްވަރާތަކުގެ ތެރެއިން އެކަން ހާސިލުވާނެ ކަމަށާއި ނަތީޖާ ނެރެދެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.