މަސައްކަތް ކުރައްވާނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ވީހާވެސް ގިނަ ގޮނޑި ކާމިޔާބު ކުރުމަށް ކަމަށާއި އަމާޒަކީ މަޖިލީހުގެ 2/3 ގޮނޑި ހޯދުން ކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ޕީޕީއެމް/ޕީއެންސީގެ ގިނަ މެންބަރުންތަކެއް މަޖިލީހުގައި ތިބުން މުހިންމު ކަމަށާއި ކަންކަން ބާރު ސްޕީޑުގައި ކުރިއަށް ގެންދަން އޭރުން މާ ބޮޑަށް ވެސް ފަސޭހަވާނެ ކަމަށެވެ.
”އަޅުގަނޑުގެ އަމާޒަކީ ވީހާވެސް ގިނަ މެންބަރުން ހޮވުން. އެންމެ ބޮޑަށް ބޭނުންވަނީ 2/3 މެޖޯރިޓީ ހާސިލު ކުރެވޭވަރަށް މެންބަރުން ހޮވުން.“
”އަޅުގަނޑުމެންގެ ކޯލިޝަންއަށް އިރާދަކުރެއްވިއްޔާ ސްޕަރ މެޖޯރިޓީއޭ މިކިޔާ ގޮތަށް 2/3 މެޖޯރިޓީ އިރާދަކުރެއްވިއްޔާ ލިބޭ ވަރަށް މަސައްކަތް ކުރުން އަޅުގަނޑުމެންގެ އަމާޒަކީ.“ މުޢިއްޒު ވިދާޅުވިއެވެ.
މުޢިއްޒު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޕީޕީއެމް/ޕީއެންސީއާއެކު ގާބިލު ބޭފުޅުން މަސައްކަތް ކުރައްވާނެ ކަމަށެވެ.
މީގެއިތުރުން މުޢިއްޒު ވަނީ އަންހެން މެންބަރުން ގިނަކުރަން ވެސް ބޭނުންފުޅުވާ ކަމަށެވެ.