އަށާރަވަނަ ބައި
”ހިތުން އިސްލާހުވެފަ ދޯ ތިހުރީ“ ބަހެއް ނުބުނެ ދަހާ ބަލަހައްޓައިގެން ހުންނަން ފެށުމުން އަނެއްކާވެސް އަޔާން ބުނެލިއެވެ. އަޔާންގެ ބަސްތަކުން ހިތަށް ތަދުވި ނަމަވެސް ދަހާ ގަސްދުކުރީ އެއްޗެއް ނުބުނުމަށެވެ. އެހެންވެ އަޅައިނުލާ އޭނާ ގަންނަން އައި ސާމާނުތައް ހަމަކުރުމަށް އުޅުނެވެ.
”ކާކު ހީކުރާނީ ތި ބޮޑު ހެދުމުގެ ފަހަތުގަ ހުރީ ބޮޑު..“
”އިނަފް އަޔާން، އަހަރެން ބޭނުމެއްނޫން އަޔާން ދައްކާ ވާހަކަތައް އަޑުއަހާކަށް. ޕްލީޒް މިތަނުން ދޭ“ ހިތްވަރުކޮށްފައި ދަހާ ބުންޏެވެ. އަޔާންގެ ދުލުން އޭނާއަށް އަމާޒުކޮށް ބޭރުވަމުންދިޔަ ބަސްތަކުން އިތުރަށް ދަހާއަށް ކެތްނުވީއެވެ.
”ހަގީގަތް އަޑުއަހާނެހާ ހިތްވަރުވެސް ނެތީތަ“ ދެންވެސް އެތަނުން ދިއުމުގެ ގަސްދެއް އަޔާން ނުކުރިއެވެ. ”ދަހާ ހިތަށް އެރިހާ ގޮތަކަށް އަހަންނާ ދޭތެރޭ ކަންތައްކޮށްފަ ވަރަށް އުފަލުގަ ދޯ ތިއުޅެނީ“ ދަތްތަކަށް ބާރުކޮށްލަމުން އަނެއްކާވެސް އަޔާން ބުނެލިއެވެ. އޭރު އިހު މޫނުމަތީގައިވި މަލާމާތުގެ އަސަރުތައް ފިލައި ނުރުހުމާއި ރުޅިވެރިކަން އޭނާގެ މުޅި ނަފުސަށްވީ ވެރިވެފައެވެ. ދަހާއާ ދުރުގައި ހުންނަން ނިންމައިގެން ހުއްޓެއް ކަމަކު، ދަހާ ފެންނަ ކޮންމެ ފަހަރަކު އޭނާގެ ނަފުސު ވަށައިލާ ރުޅިވެރިކަމާ ކުރިމަތިލާނެ ގޮތެއް އަޔާން އަކަށް ނޭނގުނެވެ. އެހެންވެ ކޮންމެވެސް ސިފައެއްގައި އެރުޅިވެރިކަން ދަހާއަށް އަމާޒުކޮށްލަން އޭނާ ބޭނުންވަނީއެވެ. އޭނާގެ ހިތަށް ދަހާގެ ސަބަބުން ލިބުނު އަނިޔާގެ ބަދަލު ބޭނުންވަނީއެވެ. އަދިވެސް އޭނާއާ ދޭތެރޭ އެފަދަ ގޮތަކަށް ކަންތައް ކުރުމަށް ދަހާއަށް ކެރިދާނެކަން ގަބޫލުކުރަން އޭނާއަށް ދަތިވެފައިވީފަދައެވެ. އެހެނަސް އޭނާއަށްވީ ދަހާގެ ވިޔާނުދާ އުޅުންވެސް މިހާރު ފެނިފައެވެ. ވީއިރު ހިތް ނޭދުނަސް އެކަން ގަބޫލުނުކޮށް ހުންނާނީ ކިހިނަކުންހެއްޔެވެ.
”އަހަންނާ ބެހޭ ގޮތުން އަޔާން އަށް ކޮންއެއްޗެއްތަ އެނގެނީ. އަހަރެން ހަގީގަތުގަވެސް ހީކުރިން އަހަރެންގެ ގޮތް އެންމެ ރަނގަޅަށް އެނގޭނެ މީހަކީ ތީއޭ، އެކަމަކު މިއަދު އެނގިއްޖެ އެއީ ކިހާ ބޮޑު ކުށްހީއެއްކަން“ ކިރިޔާ އަޔާން އަށް އިވޭނެހައި މަޑުން ދަހާ ބުނެލިއެވެ. އެއަޑު އިވިފައި އަޔާންގެ ރުޅި ހައްތަހައި ގަދަވާގޮތްވީއެވެ.
”އަހަރެން ވެސް ހީކުރީ އަހަންނަށް ދަހާ ދަސްވި ކަމަށް. އެކަމަކު ކިތަންމެ ދުވަހަކު މީހަކާއެކު އުޅުނަސް އެމީހެއްގެ ހަގީގީ ސިފައެއް ނޭނގޭނެ. އަހަރެންނަށް އެހާ ބޮޑު ދެރައެއްދޭން ދަހާއަށްވެސް ކެރުނީ އެހެންވެގެންނު. އެ ވީޑިއޯތައް ބަލާފަ.. ޗީ ޗީ.. ދަހާއަށް އެވައްތަރަށް އުޅެން ކެރުނުކަން. ކުޑަކޮށްވެސް އަހަރެން މަތިން ހަނދާން ނުވިތަ؟ އަހަރެންދެކެ ދަހާ ލޯބިނުވާކަން އެއިން ކޮންމެ ކަމެއް ހެކިދޭ“ އަޔާންގެ އަޑުގައި ރިހުން އެކުލެވިފައި ވިއެވެ. ފަސްއެނބުރި އަޔާންގެ މޫނަށް ދަހާ ނަޒަރު ސީދާކޮށްލިއެވެ. އަޔާންގެ މޫނުން ފައުޅުވަމުންދިޔަ ހިތްދަތި އަސަރުތަކުން އޭނާގެ ހިތުގައި ވެސް ރިއްސައިލިއެވެ.
”މިއަދު އަހަންނަށް މިދިރިއުޅުން ޚިޔާރުކުރަން މަޖުބޫރުކުރީ ދަހާ. އަހަރެމެންގެ މުސްތަޤުބަލަށްޓަކާ އަހަރެން ހާދަ ފޮނި އުއްމީދެއް ކުރީމޭ. އެކަމަކު، ދަހާ އެ ހުރިހާ އުއްމީދެއް ފުނޑުފުނޑުކޮށްލީ“
”މިއަދު ތިވާހަކަތައް ދެއްކުމުގެ ބޭނުމެއްނެތް. އެ ދުވަހު އެންމެ ފަހަރަކު ނަމަވެސް އަޔާން އަހަރެންގެ ވާހަކަތައް އަޑުއަހާލިނަމަ. އޭރަށް ހުރިހާ ކަމެއް ވެސް އެނގުނީސް. އަހަންނޭ ކިޔައިގެން މީހަކު ދެއްކިހާ ވާހަކައެއް ގަބޫލުކޮށް، މަންޒަރުތަކެއް ބެލުމުގެ ކުރިން އަހަންނަށް ކޮންމެވެސް ވަރެއްގެ އިތުބާރެއް ކުރިނަމަ. އަހަރެން އަޔާން ދެކެ ލޯބިވީން. ވަރަށް ލޯބިވީން. އެހިތްދަތިކަމުން އަހަރެން ސަލާމަތްކޮށްދޭނެ މީހަކީ ތީއޭ ހީކުރީން. އެކަމަކު.. ކަންތައްވީ އަހަރެން ހީކުރިގޮތާ އިދިކޮޅަށް. އަހަންނާމެދު ގޮތް ނިންމުމުގެ ކުރިން އެންމެ ފަހަރަކު ނަމަވެސް އަހަރެންގެ ގާތު އަހާލިނަމަ. އަހަރެން އަޔާން އަށް ހުރިހާ ވާހަކަތަކެއް ކިޔާދިނީމުސް. އަހަރެން މީހެއްގެ އެހީތެރިކަމަށް އެންމެ ބޭނުންވި ދުވަހު އަޔާން އެއް ނެތް. އަހަންނަށް އެހީވީ އަހަރެން ނުވެސް ދަންނަ ޒުވާނެއް. އަހަރެންގެ ގޮތް ނޭނގޭއިރުވެސް އޭނާ އަހަންނަށް އިތުބާރުކުރި. އަހަރެންގެ ހިތްދަތި ހާލު ދެނެގަތް. އެކަމަކު އެތައް ޒަމާނެއްވަންދެން އަހަރެންނާއެކު އުޅުނު މީހަކަށް މިދެލޮލުން ފައުޅުވާންހުރި އާދޭސް ނުފެނުނު. ވީއިރު އަޔާން އަށް އެއްވެސް އެއްޗެއް ބުނުމުގެ ހައްގެއް ނެތް“ ދެލޮލަށް ބޮނޑިވެގަތް ކަރުނަތަކާއެކު ދަހާ އިސްޖަހައިލިއެވެ. އެތައް ދުވަހަކަށްފަހު ހިތުގައިވީ އުދާސްތައް ބޭރުކޮށްލެވުމުން އެހިތަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިއްޖެކަން ގައިމެވެ.
”ދަހާ ތިކިޔާ އެއްޗެއް ނުވިސްނުނު. މަލަކާ ދައްތަ އަހަންނަށް އެހާބޮޑު ދޮގެއް ނުހަދާނެ. އެހުރިހާ ވާހަކަތަކެއް ކިޔާދިނީ ދަހާގެ މަންމަ. އެހެންވީމަ އަހަރެން އެކަން ގަބޫލުނުކުރަންވީ ސަބަބެއް ނެތް“ ދަތްކުނޑި ވިކައިލަމުން އަޔާން ބުނެލިއެވެ. ދަހާގެ ވާހަކަ ހުރިގޮތުން އޭނާގެ ހިތަށް އަސަރުކުރުވައިފިކަން ގައިމެވެ. އަނެއްކާ ހަގީގަތް ނޭނގޭ ކަންތައްގަނޑެއް މިހުރިހައި ކަމެއްގެ ފަހަތުގައި ވަނީބާއެވެ. އެހެނަސް އެއްވެސް މަޔަކު އަމިއްލަ ދަރިއޭ ކިޔައިގެން އެހައި ބޮޑު ދޮގުތަކެއް ނުހަދާނެކަން ގައިމެވެ. ސިކުނޑިއަށް ވެރިވަމުންދިޔަ ޚިޔާލުތަކުން އަޔާންއަށް ދެފަރާތަށް ބޯހޫރައިލެވެނެވެ.
”އަހަންނަށް ވުރެ ބޮޑަށް އަހަރެންގެ މަންމަގެ ގޮތް އަޔާންއަށް އެނގޭހެން ހީވަނީ“
”ދަހާ ތިކިޔާއެއްޗެއް ތަންކޮޅެއް ސާފުވާނެހެން ކިޔާބަލަ. އަހަންނަކަށް އެކައްޗެއް ވެސް ނުވިސްނޭ. މަލަކާ ދައްތަ އަހަންނަށް އޮޅުވާނުލާނެކަން ޔަގީން“ ނިތަށް ރޫއަރުވައިލަމުން އަޔާން ބުންޏެވެ.
”އަޔާން ވިސްނަން ބޭނުން ގޮތަކަށް ވިސްނާ. އަހަރެންގެ އެއްވެސް ފަރުވާލެއް ނެތް. އަޔާން އަށް ކަންކަން އޮޅުންފިލުވާ ދިނުމުގެ ޝައުޤެއްވެސް ނެތް. އެއީ އަހަރެންގެ މާޒީ. އަލުން އެވާހަކަތައް ދައްކާކަށް އަހަރެން ބޭނުމެއް ނުވޭ. އަހަރެންގެ ދިރިއުޅުމުގަ އަހަންނަށް މުހިންމު މީހުނަށް ހުރިހާކަމެއް ވެސް އެނގޭނެ. އެވަރު އަހަންނަށް ފުދޭ“ އަޔާން އަށް ބަލައިލުމެއް ވެސް ނެތި ފިހާރައިން ނުކުންނަން ދަހާ މިސްރާބުޖެހިއެވެ. ދަހާ ހުއްޓުވަން ބޭނުންވި ނަމަވެސް ފިހާރަތެރޭގައި މީހުން ތިބީތީ އެހިތްވަރު ކުރާކަށް އަޔާން އަކަށް ނުކެރުނެވެ. ދަހާގެ ވާހަކަތަކުގައި ފޮރުވިފައި ކޮންމެވެސް ސިއްރެއްވެޔޭ އޭނާއަށް ހީވަނީއެވެ. އެހެނަސް އަދިވެސް އެކަން ގަބޫލުކުރަން އޭނާއަށް ދަތިވަނީއެވެ. އޭނާގެ ނަޒަރުގައި މަލަކާ އަކީ ދަހާ ދެކެ ނުހަނު ލޯބިވާ މައެވެ. ވީއިރު އަމިއްލަ ދަރިއޭ ކިޔައިގެން ހަގީގަތެއްނެތް ވާހަކަތަކެއް އޭނާ ދައްކަންޖެހޭނެ ސަބަބެއް އަޔާންގެ ސިކުނޑިއަކަށް ނުވިސްނުނެވެ. އެހައި ފަސޭހައިން އެހުރިހާ ކަމެއް އޭނާއަށް ގަބޫލުކުރެވުނީ އެހެންވެއެވެ. ދަހާގެ ބޭވަފާތެރިކަމުން ހިތަށް ތަދުވެފައިވީ ވަރުންނާއި، އައިސްފައިވި ގަދަ ރުޅީގައި އައު ހަޔާތެއް ފަށަން އޭނާ ނިންމީއެވެ. ބޭނުންވީ ކޮންމެވެސް ގޮތަކުން ދަހާ މަތިން ހަނދާންނައްތައިލާށެވެ. ދަހާގެ ހަނދާންތަކާ ދުރުވާށެވެ. ހިތަށް ލިބެމުންދިޔަ ވޭން ކުޑަކުރާށެވެ. އެހެނަސް، އައު ދިރިއުޅުމެއް ފަށައިގެން އޭނާއަށް ލިބުނު އުފަލެއް ނެތެވެ. ލޯތްބާއި ގާތްކަމެއްނެތް ކައިވެންޏެއްގައި އޭނާ ބަނދެވިފައި ހުރިކަހަލައެވެ. ކިތަންމެ މަސައްކަތެއް ކުރިނަމަވެސް އޭނާއަށް އުލާދެކެ ލޯތްބެއް ނުވެވުނެވެ. ހިތް ނޭދުނަސް، ރެޔާ ދުވާލު އަދިވެސް އޭނާގެ ހިތަށް އުނދަގޫ ކުރަނީ ދަހާގެ ޚިޔާލުތަކުންނެވެ. އަދިވެސް ހިތުގައި ލިޔެވިފައިވީ އެ ނަމެވެ. ފައުޅު ނުކުރިއެއްކަމަކު އަޔާން އަދިވެސް ލޯބިވަނީ ދަހާ ދެކެއެވެ. އެ ސޫރަ ފެންނަ ކޮންމެ ވަގުތަކު ހިތަށް އެހައި އަސަރުކުރަނީ އެހެންވެއެވެ.
* * * * *
ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގައިލަ ހިނގައިލައި އަކްރަމް ހުރީ ފުން ވިސްނުމެއްގައެވެ. މަނާލްގެ ދުލުން އޭނާއަށް އަމާޒުކޮށް އެންމެ ފަހުން ބޭރުވި ޖުމުލަތައް ކަންފަތްބުޑުގައި ގުގުމަމުން ދިޔަކަހަލައެވެ. ފިކުރުކުރެވެމުންދިޔަ ވަރަކަށް ސިކުނޑިއަށް އައީ ބަރުވަމުންނެވެ. ބޮލުގައި މަޑުމަޑު ރިހުމެއް އުފެދިފައިވީއިރު، ފަހަކަށް އައިސް ހަމަ ނިދި އޭނާއަށް ނުނިދެއެވެ. ކިތަންމެ ފަހަރަކު އެ ކައިވެންޏަށް ނޫނެކޭ ބުނަން އޭނާ ހިތަށް އަރައެވެ. އެހެނަސް ކޮންމެ ފަހަރަކުވެސް ފަސްޖެހެވެނީ ބައްޕައާ މެދުގައި ވިސްނައިލައިފައެވެ. އެކަމަކު ދެން އިތުރަށް އޭނާއަކަށް ކެތެއް ނުވާނެއެވެ. މަނާލްގެ ލޯބި ނޫން އިތުރު އެއްޗެއް އަކްރަމްގެ ހިތެއް ނޭދެއެވެ. އެ ލޯބި ހާސިލް ކުރުމަށް ކޮންމެފަދަ ކަމެއް ކުރަން ޖެހުނަސް އޭނާގެ ފަރުވާލެއް ނެތެވެ.
އަކްރަމް އަށް އެންމެ ފަހުން ގޮތެއް ނިންމުނީ ކަންނޭނގެއެވެ. ފިޔަވަޅުތައް މަޑުޖައްސައިލުމާއެކު އޭނާ ހަށިފުރާ ނޭވާއެއް ދޫކޮށްލިއެވެ. އަދި އިރުކޮޅަކު އެއްޗެއް ވިސްނަން ހުރުމަށްފަހު ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އަވަސް ފިޔަވަޅުތަކެއްގައި އައިސް ސާޖިދުގެ ސްޑަޑީ ރޫމް ދޮރުގައި ޓަކި ޖަހައިލިއެވެ. އެތެރެއިން ވަންނާށޭ ބުނުމާއެކު އަކްރަމްގެ ހިތް އަވަސްވެލިއެވެ. އޭނާގެ ނިންމުމުގެ ސަބަބުން އެތައް ކަމެއް ބަދަލުވާނެކަން ޔަގީނެވެ. ނަމަވެސް ފަސްޖެހުމުގެ ނިޔަތެއް އޭނާގެ ނެތެވެ.
މަޑުމަޑުން ދޮރުހުޅުވައިލަމުން އެތެރަށް އަކްރަމް ވަނެވެ. އޭރު ކުރިމަތީގައިހުރި މޭޒު ދޮށުގައި ލެޕްޓޮޕުން ކޮންމެވެސް މަސައްކަތެއް ކުރަން ސާޖިދު އިނެވެ. އަކްރަމް އަށް ބަލައިލަމުން އެއްފަރާތުގައި ހުރި ގޮނޑިއަށް އޭނާ އިޝާރާތްކޮށްލިއެވެ. ލަސްހިނގުމެއްގައި އައިސް އެގޮނޑީގައި އިނށީނަމުން ބައްޕަގެ މޫނަށް އަކްރަމް ބަލައިލީ ނުކެރިފައިއިންފަދަ ގޮތަކަށެވެ.
”ދަރިފުޅު ކަމަކުތަ“ ލެޕްޓޮޕް ކުރިމަތީގައި އޮތް ފައިލު ލައްޕައިލަމުން ސާޖިދު އަހައިލީ މަޑުމައިތިރި ރާގަކަށެވެ.
”އަޅުގަނޑު، ވާހަކައެއް ބުނަން ބޭނުން“ އިރުކޮޅެއްގެ ހިމޭންކަމަށްފަހު އަކްރަމް ބުނެލިއެވެ. ކޮންމެވެސް ވަރެއްގެ ޖެހިލުންވުމެއް އޭނާގެ އަޑުގައި އެކުލެވިފައި ވިއެވެ. ސާޖިދު ބޯޖަހައިލީ އަކްރަމް އަށް ހުއްދަދިނުމުގެ ގޮތުންނެވެ. އެހެނަސް ބަހެއް ނުބުނެވިފައި އަކްރަމް އިނީ އެވާހަކަ ފަށާނެ ގޮތެއް ނުވިސްނިފައެވެ.
”އަކްރަމް، ދަރިފުޅު ބުނަން ބޭނުންވާ ވާހަކައެއް ބުނެބަލަ. ބައްޕަ މިއިނީ އަޑުއަހަން“ ހިމޭންކަން ދިގުލައިދާން ފެށުމުން ސާޖިދު ބުނެލިއެވެ. ކަރުކެހިލުމާއެކު ނަފުސަށް ވެރިވަމުންދިޔަ އުނދަގޫ އިހުސާސުތައް އެއްފަރާތްކޮށްލެވޭތޯ އަކްރަމް މަސައްކަތް ކުރިއެވެ. އަދި ހަށިގަނޑު ސީދާކޮށްލުމާއެކު ސާޖިދުގެ މޫނަށް ނަޒަރު ސީދާކޮށްލިއެވެ.
”ބައްޕާ… އަޅުގަނޑު.. އަޅުގަނޑަށް ސާރާއާ ކައިވެނި ކުރެވޭކަށް ނެތް“ ހިތްވަރުކޮށްފައި އަކްރަމް ބުނެލިއެވެ.
-ނުނިމޭ-