މި އަހަރު ސެޕްޓެންބަރު މަހުގެ އާމްދަނީ ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިރާއިން ކޮންމެ މަހަކު އާންމު ކުރާ ދައުލަތުގެ އާމްދަނީގެ ތަފާސް ހިސާބުތަކަށް ބަލާ އިރު މި އަހަރު ސެޕްޓެންބަރު މަހު 2022 ވަނަ އަހަރު ސެޕްޓެންބަރު މަހާއި އަޅާބަލާ އިރު 15.8 އިންސައްތަ ދަށެވެ.
މިދިޔަ އަހަރު ސެޕްޓެންބަރު މަހު ދައުލަތަށް 1.4 ބިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވާ އިރު މި އަހަރު އެމުއްދަތުގައި ލިބިފައިވަނީ 1.18 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ.
މިދިޔަ މަހަށް ލަފާ ކުރި އާމްދަނީ 19.4 އިންސައްތަ ދަށް ކަމަށް މީރާއިން ބުނެއެވެ.
މިދިޔަ މަހު އާމްދަނީ ދަށްވި ސަބަބުތަކުގެ ތެރޭގައި ޖީއެސްޓީއާއި، ފަތުރުވެރިކަމުގެ ބިމު ކުލި، ނޮން ރެޒިޑެންޓް ވިތް ހޯލްޑިންގް ޓެކްސްއާއި އަދި ކޯޕަރޭޓް އިންކަމް ޓެކްސް މަދުވެފައިވުން ހިމެނެއެވެ.
މީގެ އިތުރުން މަހުގެ ފަހު ދުވަސް ސަރުކާރު ބަނދުވުމުން ޖީއެސްޓީ އަދި ގްރީން ޓެކްސް ޑެޑްލައިން އޮކްޓޯބަރ މަހަށް ފަސް ކުރުން ވެސް ހިމެނެއެވެ.
މި އަހަރު ދައުލަތަށް ލިބުނު އާމްދަނީގެ ތެރެއިން ޓެކްސް އާމްދަނީގެ ގޮތުގައި 781 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 401 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ. މީގެ އިތުރުން ޖުމްލަ އާމްދަނީގެ ތެރެއިން 49.62 މިލިއަން އަކީ ޑޮލަރު އާމްދަނީ ކަމަށް މީރާއިން ބުނެއެވެ.
ސެޕްޓެންބަރު މަހުގެ ޓެކްސް އާމްދަނީއަށް ބަލާ އިރު ޖީއެސްޓީގެ ގޮތުގައި 523 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މީގެ ތެރެއިން 324 މިލިއަން ރުފިޔާ އަކީ ޓީޖީއެސްޓީއެވެ. އިންކަމް ޓެކްސްގެ ގޮތުގައި މި މަހު ދައުލަތަށް ލިބިފައި ވަނީ 136.7 މިލިއަން ރުފިޔާއެވެ. އަދި ޑިޕާޗަރ ޓެކްސްގެ ގޮތުގައި 67 މިލިއަން ރުފިޔާއެވެ.
ޓެކްސް ނޫން އާމްދަނީގެ ތެރެއިން ފަތުރުވެރިކަމުގެ ބިމު ކުލީގެ ގޮތުގައި މިދިޔަ މަހު ދައުލަތަށް 232 މިލިއަން ރުފިޔާ ވަނީ ލިބިފައިވާ އިރު އެއާރޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 71 މިލިއަން ރުފިޔާ އާމްދަނީއެއް މިދިޔަ މަހުގެ ތެރޭގައި ވަނީ ލިބިފައެވެ.