އެންމެންގެ ރުހުން ލިބުމަކީ އެއްވެސް މީހަކަށް ދުވަހަކު ވެސް ވާނެކަމެއް ނޫން ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން މިއަދު ވިދާޅުވެއްޖެއެވެ.
އިމްރާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހެޔޮ, ރަނގަޅު ކަމެއް ކުރަންއެދޭމީހާ މީސްތަކުންގެ ރުހުމާއި ނުރުހުމަށް ނުބަލައި ކުރިޔަށްދާންވީ ކަމަށެވެ. އަދި ކިތަންމެ ބޮޑު ހެޔޮކަމެއް ކުރިޔަސް އެކަމަކާ ނުރުހުންވެ ދެކޮޅު ހަދާނެ ކޮންމެވެސް ބަޔަކު ތިބޭނެކަން ދަންނަންޖެހޭ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.
“ކިތައްމެ ބޮޑު ހެޔޮކަމެއް ކުރިޔަސް ނުރުހުންވެ, ދެކޮޅު ހަދާނެ ކޮންމެވެސް ބަޔަކު ތިބޭނެކަން ހަނދާންކުރާށެވެ. އެންމެންގެ ރުހުން ލިބުމަކީ އެއްވެސް މީހަކަށް ދުވަހަކު ވެސް ވާނެކަމެއް ނޫނެވެ.“ އިމްރާން ވިދާޅުވިއެވެ.
އިމްރާން މިހެން ވިދާޅުވީ ސީދާ ކޮންކަމަކާ ގުޅުވައިގެން ކަމެއް ސާފެއް ނޫނެވެ. އިމްރާނަކީ ކޮންމެވެސް ކަމަކާ ގުޅުވައި ދޭތެރެދޭތެރެއިން މިފަދަ ޕޯސްޓްތައް ކުރައްވާ ބޭފުޅެކެވެ.
މީގެ ދެތިން ދުވަހެއް ކުރިން އިމްރާން ވަނީ ފާޑުކިޔުންތަކާ ކުރިމަތިނުލައި އިސްލާހީ މަސައްކަތް އަދި ވަކިން ޚާއްސަކޮށް ސިޔާސީ އިސްލާހީ މަސައްކަތް ކުރެވިދާނެކަމަށް ހީކުރުމީ ވަރަށްބޮޑު ކުށްހީއެއް ކަމަށާއި ސިޔާސީ މަސައްކަތަށް ނިކުންނަންވާނީ ފާޑު ކިޔުންތައް އަންނާނެކަން އެނގި އެކަން ތަޙައްމަލު ކުރުމުގެ ވިސްނުމާ ވެސް އެކުގައި ކަމަށް ވިދާޅުވެފައެވެ.