މާފަންނު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެއްގެ ގަޔަށް ހޫނުފެން ޖެހި މައްސަލާގައި 15 ފުލުހެއްގެ މައްޗަށް ދައުލަތުން ކުރާ ޓޯޗާގެ އަމަލެއް ހިންގުމުގެ ދައުވާ މުރާޖާ ކޮށްދެވެން ނެތް ކަމަށް ދައުލަތުން ބުނެފިއެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމެއް ވަނީ ބާއްވާފައެވެ.
މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމަކީ އެ މައްސަލަ ބެލި ގާޒީ ހަސަން ސައީދު ރިޓަޔާ ކުރައްވާފައިވާތީ އެ މައްސަލަ ގާޒީ އާމިނަތު އަޒްލިފާއާ ހަވާލުކުރިކަން އަންގަން ބޭއްވި އަޑުއެހުމަކާއި އިޖުރާއީ ގޮތުން އެ މައްސަލަ ކުރިއަށް ގޮސްފައިވާ ހިސާބު ބެލުމަށް ބޭއްވި އަޑުއެހުމެކެވެ.
”ދައުވާ ކުރެވޭ މިންވަރަށް ހެކި ހުރެގެން ދައުލަތުން ދައުވާ ކޮށްފައި މި ވަނީ. އެހެންވީމާ ދައުލަތުން ނުދެކެން އަލުން މި މުރާޖާ ކުރަން ޖެހޭނެ ކަމަކަށް،“ ދައުލަތުން ވިދާޅުވިއެވެ.
ނިޝާން ވިދާޅުވީ އޭނާގެ ބައެއް މުވައްކިލުންނަށް ދައުވާ ކޮށްފައި ވަނީ ހޫނު ފެން ޖެހި އިރު އެކަން ހުއްޓުވުމަށް މަސައްކަތް ނުކުރުމުގެ ސަބަބުން ކަމަށެވެ.
އެ މައްސަލައިގެ ތަހުގީގުގައި ބައެއް ކަންކަން ސާފުވެފައިނުވާ ކަމަށް ވެސް ނިޝާން ވިދާޅުވިއެވެ.
ދިފާއީ ވަކީލު އިބްރާހީމް ރަމީޒް ވިދާޅުވީ ބަންދަށް ގެނައި މީހެއްގެ ގަޔަށް 15 ފުލުހަކު ހޫނުފެން ޖެހުމަކީ ގަބޫލުކުރަން ދަތި ކަމެއް ކަމަށާއި އެކަން ހިނގައިދިޔަ ވަގުތު މާފަންނު ޕޮލިސް ސްޓޭޝަންގައި ޑިއުޓީއަށް ތިބި ފުލުހުންގެ މައުލޫމާތު ލިބިފައިނުވާ ކަމަށެވެ.
އެ މައުލޫމާތު ނުލިބި ހެކި ހުށަހެޅުމަށާއި ދައުވާއިން ދިފާއުވާން ދަތިތަކެއް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ މައުލޫމާތު ލިބުމުން ހާދިސާ ހިނގިވަގުތު ދައުވާ ލިބޭ ފުލުހުން ތިބި ތަން ވެސް ސާފުވާނެ ކަމަށް އިބްރާހީމް ރަމީޒު ވިދާޅުވިއެވެ.
”މީ ވަރަށް ގަބޫލުނުކުރެވޭ އެހެން ކަހަލަ ކަމެއް 15 ފުލުހުންތޯ ހޫނު ފެން ޖެހީ،“ އިބްރާހީމް ރަމީޒް ވިދާޅުވިއެވެ.
އެ މައްސަލައަކީ ގިނަ އަދަދެއްގެ ފުލުހުންގެ މައްޗަށް ކުރާ ދައުވާއަކަށްވެފައި އަދި އޭގެ ތެރެއިން ބައެއް މީހުން މާލެއިން ބޭރުގައި ތިބުމުން ނިޝާން ވަނީ ޝަރީއަތް ކުރިއަށްގެންދާނެ ގޮތުގެ ތަވާލެއް ދިނުމަށް ގާޒީ އަރިހުން އެދިވަޑައިގެންފައެވެ.
އެއިރުން ކޯޓަށް ހާޒިރުވާން އެ ފުލުހުންނަށް ފަސޭހަވެގެންދާނެ ކަމަށް ނިޝާން ވިދާޅުވިއެވެ.
ދައުލަތުން ވިދާޅުވީ ގިނަ އަދަދެއްގެ ފުލުހުންގެ މައްޗަށް ދައުވާކުރާތީ އެއް ފަހަރާ ހުރިހާ މީހުން ކޯޓަށް ހާޒިރުވުމުގައި ދަތިކަމެއް ހުންނަ ކަމަށާއު އެހެންކަމުން ކޯޓަށް ހާޒިރުވާ ތަރުތީބުން އެ މީހެއްގެ މައްސަލަ ބެލުމަށް ފަހު ދައުލަތުން އެ މީހުންނާ ދެކޮޅަށް ހުށަހަޅާ ހެކިންގެ ހެކިބަސް ދައުވާ ލިބޭ ހުރިހާ މީހުންގެ އެއް ހާޒިރެއްގައި ނެގުމަށް ދައުލަތުން ވަނީ އެދިފައެވެ.
ދައުލަތުން ވެސް ވަނީ މައްސަލަ ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް ދިނުމަށް އެދިފައެވެ.
ގާޒީ ވިދާޅުވީ މިހާރުން މިހާރަށް މައްސަލަ ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް ނުދެވޭނެ ކަމަށާއު މައްސަލަ ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް ފަހުން ރައްދުކޮށްދޭނެ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ދިފާއުގެ ފަރާތުން ދައުލަތަށް އަދި ދައުލަތުން ދިފާއަށް ލިބެންޖެހޭ ބައެއް ލިޔެކިޔުންތައް ލިބިފައިނުވާތީ ގާޒީ ވަނީ މަދުވާ ލިޔެންކިޔުންތަކުގެ ތަފުސީލު ކޯޓަށް ފޮނުވުމަށް އަންގަވައިފައެވެ.
ކުރިމިނަލް ކޯޓުގައި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވީ މިއަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ.