މިދިޔަ 5 އަހަރު ތެރޭ ސަރުކާރުގެ ފެނާއި ނަރުދަމާ ކުންފުނި ފެނަކަ ބަނގުރޫޓު ކޮއްލި މައްސަލަ ބަލަންޖެހޭ ކަމަށް އަމްރު އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ޢަމްރު ވިދާޅުވެއްޖެއެވެ.
ޢަމްރު މިހެން ވިދާޅުވީ، ފެނަކަ ކޯޕަރޭޝަނާއި، މިފްކޯއިން ނަގާފައިވާ ލޯނަށް ސަރުކާރުން ގެރެންޓީ ދިނުމާއި ގުޅިގެންނެވެ.
ފެނަކަ ކޯޕަރޭޝަނުން މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހު ލޯން ނަގާފައި ވަނީ 5.1 ޕަސަންޓް ރޭޓުގައި 200 މިލިއަން ރުފިޔާގެ ލޯނެކެވެ. ހަމަ އެހެންމެ އެ ލޯނު ދައްކަން ޖެހެނީl 2026 ވަނަ އަހަރުގެ ނިޔަލަށެވެ.
އެގޮތުން މިކަމަށް އިޝާރަތްކުރައްވާ އަމްރު ވިދާޅުވީ ފެނަކައިގެ ދަރަނި 3.5 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އަދި އެއީ އާ ސަރުކާރަށް ހައްލުކުރަން އޮތް ބޮޑު މައްސަލައެއް ކަމަށް އަމްރު ވަނީ ވިދާޅުވެފައެވެ.
މިދިޔަ 5 އަހަރު ތެރޭ ކުންފުނި ބަނގުރޫޓު ކޮއްލި މައްސަލަ ބަލަންޖެހޭ ކަމަށް އަމްރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ފެނަކަ ކުންފުނީގެ މައި ހިއްސާދާރާ ހިންގަން ތިބި މީހުން ޒިންމާ ވާންޖެހޭ ކަމަށާއި އެ ފަރާތްތަކަށް ހައްޤު އަދަބު ދޭންޖެހޭ ކަމަށް އަމްރު ވަނީ ވިދާޅުވެފައެވެ.
ޢަމްރު މިހެން ވިދާޅުވެފައި ވާއިރު، ރިޔާސީ އިންތިޚާބާ ދިމާކޮށް ފެނަކަ ކުންފުނިން ސިޔާސީ ގޮތުން ތާއީދު ކުރާ އެތައް ސަތޭކަ ފަރާތަކަށް ވަޒީފާދީ ބޭކާރު ޚަރަދުކޮށް ކުންފުނި ބަނގުރޫޓު ވެފައިވާ ކަމުގެ ތުހުމަތު އަންނަނީ ކުރަމުންނެވެ.