މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އަރބަންކޯއަށް ސާފު ފައިދާގެ ގޮތުގައި 583.14 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން ބޯޑުން ހާމަކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ނެރެފައިވާ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ”ކުއާޓަރލީ ރިވިއު“ ރިޕޯޓުގައިވާ ގޮތުން އަރބަންކޯއަށް އަހަރުގެ ފުރަތަމަ ކުއާޓަރުގައި 976 މިލިއަން ރުފިޔާ ލިބިފައިވާ އިރު އެ ކުންފުންޏަށް އާމްދަނީ ލިބެނީ ބިން ވިއްކައިގެންނާއި، ބިންތައް ކުއްޔަށްދީގެންނެވެ.
އެގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބިންތައް ވިއްކައިގެން އަރބަންކޯއަށް 844.7 މިލިއަން ރުފިޔާވަނީ ލިބިފައިވެއެވެ.
މިއީ ޖުމްލަ އާމްދަނީގެ 87 އިންސައްތައަށްވާ އިރު މިއީ މައިގަނޑުގޮތެއްގައި ތިލަފުށީ ފޭސް 1 އަދި 2 އަކުން ވިއްކި ބިންތަކުން ލިބުނު އާމްދަނީއެވެ.
ބިން ވިއްކައިގެން ލިބުނު އާމްދަނީ އިތުރުވި ނަމަވެސް އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބިންތަކުގެ ކުލިން ލިބުނު އާމްދަނީ ވަނީ ދަށްވެފައެވެ.
ހިސާބުތައް ދައްކާގޮތުން އެ ކުއާޓަރުގައި ބިމު ކުލީގެ ގޮތުގައި އަރބަންކޯއަށް ލިބިފައި ވަނީ 152.98 މިލިއަން ރުފިޔާއެވެ.
މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާއި އަޅާ ބަލާ އިރު 14 އިންސައްތަ ދަށް އަދަދެކެވެ.
”ކުއާޓަރލީ ރިވިއު“ ރިޕޯޓުގައިވާގޮތުން ކުންފުނި ހިންގައިގެން މިއަހަރުގެ ފުރަތަމަ ކުއާޓަރުގެތެރޭގައި އަރބަންކޯއަށް 693.06 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ކުންފުނި ހިންގައިގެން އަރބަންކޯއަށް ވަނީ ގެއްލުންވެފައެވެ.
މެއިންޓޭނަންސްއަށް އެ ކުއާޓަރުގައި ކުރަން ޖެހުނު ޚަރަދު އިތުރުވުމުން ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
އާމްދަނީއަށް ލިބުނު ކުރިއެރުމާއެކު މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އަރބަންކޯއަށް ސާފު ފައިދާގެ ގޮތުގައި ވަނީ 583.14 މިލިއަން ރުފިޔާ ލިބިފައެވެ.
މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާ ބަލާއިރު 91 އިންސައްތަ އިތުރު އަދަދެކެވެ.