ތަރައްޤީގެ ރޮނގުގައި ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރަށް އޮސްޓްރޭލިޔާގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވިދާޅުވެއްޖެއެވެ.
އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، މިހެން ވިދާޅުވީ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙުތިރާމުގެ ޒިޔާރަތެއްގައި ބައްދަލު ކުރައްވާ ވާހަކަދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި، އިންތިޚާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެގޮތުން މި ބައްދަލުވުމުގައި، ޑރ. މުޢިއްޒުގެ ރިޔާސީ ދައުރުގައި، އޮސްޓްރޭލިއާއާ އެކު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކުރެވި، އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.
ހަމަ އެހެންމެ އޮސްޓްރޭލިއާއާ ދިވެހިރާއްޖޭއާ ދެމެދު އެކި ދާއިރާތަކުން އުފެދިފައިވާ ގާތް ގުޅުންތައް ފާހަގަކުރައްވާ ތަޢުލީމީ ދާއިރާއިން ދިވެހި ދަރިވަރުންނަށް ފުރުސަތުތައް ފަހިކޮށްދެއްވާ ދިވެހިރާއްޖޭގެ އިންސާނީ ވަސީލަތް ބިނާކުރުމަށް ދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޑރ. މުޢިއްޒު ވަނީ ޝުކުރުއަދާކުރައްވާފައެވެ.
މިގޮތުން ފެށިގެންދާ އާ ދައުރުގައި މި ގުޅުންތައް އިތުރަށް ފުޅާވެ ބަދަހިވުމަށް އެދިވަޑައިގަންނަވާ ކަމަށް ޑރ. މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އޮސްޓްރޭލިއާ ސަފީރުގެ ވާހަކަފުޅުގައި، ދިވެހިރާއްޖެ-އޮސްޓްރޭލިއާގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެންހުރި މަސައްކަތްތަކަށާއި ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.
އަދި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ ”ޕްރޯ-މޯލްޑިވްސް“ ޚާރިޖީ ސިޔާސަތަށްވެސް ސަފީރު ވަނީ ތަޢުރީފު ކުރައްވާފައެވެ.