މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސްގެ ކުރީގެ ޗީފް އޮފް ޑިފެންސް ފޯރސްގެ މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ ބައްޕާފުޅު އެމްއެންޑީއެފްގެ ވީއައިޕީ އިމާރާތެއްގައި ދިރިއުޅުއްވި މައްސަލައިގައި އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
އެ މައްސަލައަކީ ޝިޔާމް ޗީފް އޮފް ޑިފެންސް ފޯރސްގެ މަގާމުގައި ހުންނެވި އިރު ކ.ވިލިނގިލީގައި ހުންނަ ކޯސްޓްގާޑުގެ މެރިޓަމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު ހުންނަ ބިމުގައި ހުރި ވީއައިޕީ ގެއެއްގައި 2017 ވަނަ އަހަރާއި 2018 ވަނަ އަހަރު ތެރޭގައި (1 އަހަރާއި 4 މަހާއި 24 ދުވަހުގެ މުއްދަތަކަށް) އޭނާގެ ބައްޕާފުޅު ދިރިއުޅުއްވުމަށް ބަހައްޓަވައި އެ މުއްދަތުގައި އޭނާގެ ބައްޕާފުޅު ބެލެހެއްޓުމުގެ ކަންކަން ސިފައިންގެ ޕްރައިވެޓް އޮފިސަރަކާއި ހަވާލުކުރެއްވި މައްސަލައެކެވެ.
ކްރިމިނަލް ކޯޓުގައި ކުރިން މައްސަލަ ބައްލަވަމުން ގެންދެވި ގާޒީ ޙަސަން ސައީދު ރިޓަޔަރ ކުރައްވާފައި ވާތީ މިހާރު އެ މައްސަލަ ބައްލަވަމުން ގެންދަވަނީ ގާޒީ އާމިނަތު އަޒްލިފާއެވެ.
ގާޒީ އަޒްލިފާ ވަނީ އެ މައްސަލައިގެ ގާޒީ ބަދަލުވިކަން 2 ފަރާތަށް އަންގަވައި މައްސަލަ ގޮސްފައިވާ ހިސާބު ސާފު ކުރައްވާފައެވެ.
އެ މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައި ވަނީ 26 ނޮވެންބަރު 2022 ގައެވެ.
އެ ދުވަހު ވަނީ ދައުލަތުގެ ބާކީ ތިބި ހުރިހާ ހެކިންގެ ހެކިބަސްތަކެއް ނަގާ ނިންމާލާފައެވެ.
އެ މައްސަލައިގައި ދިފާއީ ހެކިންގެ ގޮތުގައި ހުށައަޅާފައި ވާނީ އެމްއެންޑީއެފްގެ ބޭފުޅުންނެވެ.
ޝަރީއަތުން ވަނީ މައްސަލަ ގޮސްފައިވާ ހިސާބުން ކުރިއަށް ގެންދިއުމަށް ނިންމަވާފައި ވުމާއެކު ދެން އެ މައްސަލައިގައި އޮންނާނީ ދިފާއީ ހެކިންގެ ހެކިބަސް ނެގުމެވެ.