ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މޫސުން ގޯސްވުުމުގެ ސަބަބުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފުން މި ގޮތަށް ބުނީ މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސްވެ ކަނޑުގަދަ އަދި ވިއްސާރަ ދުވަސްވަރަކަށްވުމާ އެކީގައްޔާއި މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ ހުރިހައި އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައިވާތީއެވެ.
މި ގޮތުން ކަނޑު ދަތުރުކުރާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ސާފުކުރުމަށް އެމްއެންޑީއެފުން އެދިފައިވެއެވެ. އަދި ދަތުރުކުރާ އުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ވަސީލަތްތަކާއި ދިޔަހިއްކާ ޕަންޕު ފަދަ ނިޒާމްތަށް ހުރީ ރަނގަޅަށްތޯ ބެލުމަށް ވެސް އެދިފައިވެއެވެ.
މީގެ އިތުރުން އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެން ބޮޑަށް ބަރުނުކުރުމަށާއި ޚާއްސަގޮތެއްގައި މުދާއުފުލާ އުޅަނދުފަހަރު އަތޮޅުތެރެއިން ރޭގަނޑުގެ ވަގުތުތަކުގައި ދަތުރުކުރާއިރު އިތުރު ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި އެ ފަދަ އުޅަނދުތަކުން މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ ޤަވާއިދުތަކަށް ޢަމަލުކުރުމަށާއި ލައިސަންލުމުގައި ރަނގަޅަށް އައްސާފައި ބެހެއްޓުމަށް
ވެސް އެމްޑީއެފުން އެދިފައިވެއެވެ.
އެމްއެންޑީއެފުން ވަނީ ރަށްރަށުގެ ފަޅުތެރެޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން އޮޑިދޯނިފަހަރު ބެލެހެއްޓުމަށް އިސްކަންދީ އެ ގޮތުން އެ އުޅަނދުފަހަރުގެ ދިޔަހިއްކުމަށް ސަމާލުކަންދިނުމަށް ވެސް އަންގާފައެވެ. ހަމައެއާއެކު ކަނޑުމަތީގައި އެއްވެސް ހާދިސާއެއް ހިނގައިފިނަމަ 191 މެދުވެރިކޮށް މަޢުލޫމާތު ހިއްސާކުރަން ވެސް އެމްއެންޑީއެފުން އެދިފައިވެއެވެ.