އިންޑިޔާގެ ހިމަލަޔާ ސަރަހައްދުގައި ހުރި ގްލޭޝިއަލް ފަޅެއް ފަޅައިގެން ދިއުމުގެ ސަބަބުން ފެންބޮޑުވެ 74 މީހުން މަރުވެފައިވާއިރު، 101 މީހަކު އަދިވެސް ވަނީ ގެއްލިފައެވެ.
މި ކާރިސާ ހިނގާފައި ވަނީ އިރުއުތުރުގެ ސްޓޭޓެއް ކަމަށްވާ ސިއްކީމަށް އެތައް ދުވަހެއް ވަންދެން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކޯރުތަކުގެ ކުދި ވާދީތަކުގެ ތެރެއިން ފެން ބޮޑުވެ، ޑޭމެއް ހަލާކުވެ، ރަންގްޕޯ އަވަށަށާއި އަދި އެހެނިހެން އަވަށްތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުމުންނެވެ.
މަގުތައް ހަލާކުވެ، މުވާސަލާތީ ގުޅުން ގޯސްވެ، މޫސުން ގޯސްވުމުގެ ސަބަބުން މީހުން ހޯދުމުގެ މަސައްކަތަށް ވަނީ ހުރަސް އެޅިފަ އެވެ.
ހިމަލަޔާ ސަރަހައްދަށް މޫސުން ގޯސްވުމުގެ ސަބަބުން ފާއިތުވި އަހަރުތަކުގައި ގުދުރަތީ ކާރިސާތަކެއް އެ ސަރަޙައްދަށް ކުރިމަތިވެފައިވާއިރު، މިއީ ފާއިތުވި ބައި ގަރުނުގެ ތެރޭގައި ހިނގި އެންމެ ނުރައްކާތެރި އެއް ހާދިސާއެވެ.
މި ކާރިސާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ލުއިދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ތާށިވެފައި ތިބި މީހުން އެތަނުން ނެރުމާއި ވައިގެ މަގުން ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އިންޑިއާގެ ސިއްކީމް ސްޓޭޓްގައި ފެންބޮޑުވުމުގެ ސަބަބުން ބްރިޖްތައް އޮޔާދާ ސަރަހައްދުތަކުގައި މަގުތައް ގުޅާލުމަށް ޕޯޓަބަލް ބްރިޖް، ހާއްސަކޮށް ބެއިލީ ބްރިޖްތައް ބެހެއްޓުމަށް އިސްކަން ދޭން ޖެހޭ ކަމަށް ފެޑެރަލް ކެބިނެޓް ސެކްރެޓަރީ ރަޖީވް ގައުބާ ވަނީ ވިދާޅުވެފަ އެވެ. އެންމެ ބޮޑު ސަމާލުކަމެއް ދެނީ ވީހާވެސް އަވަހަކަށް މީހުން ހުސްކުރުމަށެވެ.
ދާދި ފަހުން ކުރިމަތިވި ކާރިސާގައި ފެންބޮޑުވުމުގެ ހާދިސާއިން އެތައް ބަޔަކު ސަލާމަތްވި ނަމަވެސް، ގްރައުންޑް ފްލޯގައި ހުރި ބައެއް މީހުން ސަލާމަތުން ފެންނާނެ ކަމުގެ އުންމީދު ވަރަށް ކުޑަ އެވެ.
ހާލުގައި ޖެހިފައިވާ ސަރަހައްދުތަކުގައި ތާށިވެފައި ތިބި ޓޫރިސްޓުންނަށް ބޭނުންވާ ސާމާނާއި މުވާސަލާތީ ވަސީލަތްތައް ފޯރުކޮށްދީ، އެ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.