ސުޕްރީމް ކޯޓްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނަވަނިކޮށް ޑރ. ހުސައިން ފާއިޒު ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމައިފިއެވެ.
ޑރ.ފާއިޒު ވަޒީފާއިން ވަކިކުރި މައްސަލަ ޓްރައިބިއުނަލަށް އޭނާ ހުށަހެޅުއްވުމާއި ގުޅިގެން ޓްރައިބިއުނަލުން މިއަދު ނިންމާފައި ވަނީ ފާއިޒު ވަޒީފާ އިން ވަކިކުރީ ވަޒީފާއާއި ބެހޭ ގާނޫނާއި އަދި ވަޒީފާ ދިނުމަށް ހަދާފައިވާ އެއްބަސްވުމާ ހިލާފަށް ކަމަށެވެ.
ޓްރައިބިއުނަލުން ވަނީ ޑރ.ފާއިޒު ވަޒީފާ އިން ވަކިކުރި އިރު ލިބެމުން ދިޔަ މުސާރަ އާއި އިނާޔަތްތައް 30 ދުވަހުގެ ތެރޭގައި ދިނުމަށް އަންގާފައެވެ.
ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގައި އަލުން ވަޒީފާ ހޯދުމަށް ޑރ.ފާއިޒު އެދިފައި ނުވާތީ ޓްރައިބިއުނަލުން އެކަމުގައި ގޮތެއް ނިންމާފައެއް ނުވެއެވެ.
ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމަށް ޖެނުއަރީ 7، 2019 ގައި އައްޔަންކުރި ފާއިޒު އެ މަގާމުން ވަކިކުރީ އޭނާއަށް ތުހުމަތުކުރެވުނު މައްސަލަތަކުގައި އެތައް މަހެއް ވަންދެން ސަސްޕެންޑްކޮށްފައި ބެހެއްޓުމަށް ފަހު މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ކުރިން ބުނި ގޮތުގައި ފާއިޒު ވަޒީފާއިން ވަކިކުރީ ސުޕްރީމް ކޯޓުގައި ސީސީޓީވީ ކެމެރާ ހަރުކޮށްގެން އޭނާ ހުންނެވި ކޮޓަރިއަށް ކެމެރާގެ ފީޑް ލިބޭ ގޮތް ހަދައި ފަނޑިޔާރުންނާއި މުވައްޒަފުންނަށް ފާރަލާފައިވާތީ ކަމަށެވެ.
ކެމެރާ ހަރުކުރުމަށް ބަޖެޓުން 2 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައި ވަނީ މާލިއްޔަތު އުސޫލުތަކާ ހިލާފަށް ކަމަށްވެސް ޑީޖޭއޭ އިން ފާހަގަކޮށްފައިވެއެވެ.
ޑީޖޭއޭ އިން ބުނި ގޮތުގައި ފަނޑިޔާރުން ފާއިޒަށް ދީފައިވާ އިރުޝާދާ ހިލާފަށް އަމަލުކޮށް މުވައްޒަފުންނަށް ނުބައި ނަމޫނާ ވެސް ދައްކާފައިވާތީ ސުޕްރީމް ކޯޓުގެ އިދާރީ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ކުރި އިތުބާރު އޭނާ ގެއްލިފައި ވުމަކީ ވެސް ވަޒީފާ އިން ވަކިކުރަން ޖެހުނު ސަބަބުތަކެކެވެ.