ރާޅާއެޅުމަށް ޚާއްސަކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް މަޖައްލާއެއް ނެރެފިއެވެ.
މި ގޮތުން ރާޅާއެޅުމަށް ޚާއްސަކޮށްގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ނެރެފައިވަނީ “ދެވިހިފާފަ“ މި ނަން ކިޔޭ މަޖައްލާއެކެވެ. މި މަޖައްލާގެ ފުރަތަމަ އަދަދު ނެރެދެއްވީ މޯލްޑިވްސް މާރކެޓިން އެންޑް ޕީއާރް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޠައްޔިބު މުޙައްމަދެވެ.
މި މަޖައްލާގެ ވެބްސައިޓުން ފުރަތަމަ އަދަދު މިހާރު އޮންލައިންކޮށް ކިޔައިލެވޭނެއެވެ. ނަހުޝަލް ނާޞިރާއި ޢާމިރު އަމީންދީދީ އިސްކޮށް ހުންނަވައިގެން ނެރުއްވި “ދެވިހިފާފަ“ މަޖައްލާ ތަޢާރަފުކުރުމުގެ މައިގަނޑު މަޤުޞަދަކީ ރާއްޖޭގެ ޒުވާނުން އަހުލުވެރިވެފައިވާ ރާޅާއެޅުމުގެ ޚަބަރުތައް އެއްތަނަކުން ފޯރުކޮށްދިނުމެވެ.
މި މަޖައްލާގެ ފުރަތަމަ އަދަދުގައި ގިނަ މަޢުލޫމާތުތަކެއް ހިމެނިފައިވާއިރު އޭގެތެރޭގައި ރާއްޖޭގައި ރާޅާއެޅުމުގެ ތާރީޚާއި މި ކަމުގައި ހަރަކާތްތެރިވާ އަދި ހަރަކާތްތެރިވަމުން އަންނަ ފަރާތްތަކުގެ މަޢުލޫމާތު ހިމެނިފައިވެއެވެ.
ކޮންމެ އަހަރަކު 01 ފަހަރު ނެރުމަށް ނިންމާފައިވާ މި މަޖައްލާއަކީ ސާރފް ޖާރނަލިޒަމާއި ސާރފް އިންޑަސްޓްރީގެ ކުރިއެރުމަށް ހުޅުވައިލެވޭ ދޮރެއްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.