ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ހުވަދުއަތޮޅާއި ހިސާބަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ މިރޭ 21:15 އިން ފެށިގެން ދަންވަރު 02:00 އާއި ހަމައަށް ތިލަދުންމަތިން ފެށިގެން ހުވަދު އަތޮޅާއި ދެމެދުގެ ސަރަހައްދަށް ބޯކޮށް ވާރެވެހޭނެކަމަށެވެ. އަދި ގުގުރާނެކަމަށް ލަފާކުރެވޭކަމަށާއި މި ގޮތުން ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ހަމަ އެހެންމެ ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށް ވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.
މީގެ އިތުރުން މާދަމާރޭގެ 20:00 އާއި ހަމައަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކޮށް ގުގުރާނެކަމަށާއި ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހޭނެކަމަށް ވެސް ބުނެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން އެހެނިހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު ދެކުނުން ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށް ވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.
ހަމައެއާއެކު ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެކަމަށާއި ވިލާގަނޑުގައި ގަދަވާނެކަމަށާއި ދިޔަވަރު ފޫދޭ ވަގުތުގައި ބައެއް ރަށްރަށަށް އުދައެރުން އެކަށީގެންވާކަމަށް ވެސް ހާމަކުރެއެވެ.