ރާއްޖޭގައި މައިކްރޯސޮފްޓްގެ ސްޓާޓްއަޕް އީކޯސިސްޓަމް ”ހައިވޭ ޓު އަ ހަންޑްރެންޑް ޔުނިކޯންސް“ ހިންގުމަށްޓަކައި ކޮމިއުނިކޭޝަން މިނިސްޓްރީ އާއި މައިކްރޯސޮފްޓް ގުޅިގެން މަސައްކަތްކުރުމާއި ބެހޭ ބައްދަލުވުމެއް ބާއްވައިފިއެވެ.
މިއަދު ބޭއްވި މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސް އެންޑް ސައިންސް މިނިސްޓަރު މުޙައްމަދު މަލީޙް ޖަމާލްގެ އިތުރުން އެ މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ މުޙައްމަދު ޝަރީފާއި އެމްއީއެންއޭ އާއި ސާކް އަދި މައިކްރޯސޮފްޓް ސްޓާޓްއަޕްގެ ކަންޓްރީ ހެޑް ލަތިކާ ޕައި ބައިވެރިވެވަޑައިގެންނެވިއެވެ.
މައިކްރޯސޮފްޓްގެ ސްޓާޓްއަޕް އީކޯސިސްޓަމް ”ހައިވޭ ޓު އަ ހަންޑްރެންޑް ޔުނިކޯންސް“ އަކީ ޓެކްނޮލޮޖީގެ ދާއިރާއިން ވިޔަފާރިތަކަށް އަލަށް ވަންނަ ކުދިންނަށް ފުރުސަތު ހުޅުވާލުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެކަމަށް ކޮމިއުނިކޭޝަން މިނިސްޓްރީން ބުނެއެވެ. އަދި މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާ ސްޓާޓްއަޕްތައް ހޮވިގެންދާނީ މައިކްރޯސޮފްޓްއިން ބާއްވާ ”އެމާރޖް އެކްސް“ މި މުބާރާތުގެ ތެރެއިންކަމަށް ކޮމިއުނިކޭޝަން މިނިސްޓްރީން ހާމަކުރެއެވެ.
ކޮމިއުނިކޭޝަން މިނިސްޓްރީން ބުނީ ”އެމާރޖް އެކްސް“ މުބާރާތުގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ވިޔަފާރިތަކަށް ލިބިގެންދާނެ ކަމަށެވެ.
މި ގޮތުން އޭގެތެރެއިން އެންމެ ރަނގަޅު ވިޔަފާރިތަކަށް އަމިއްލަ ޓެކޮނޮލޮޖީ ވިޔަފާރީގެ މަޢުލޫމާތު އިންވެސްޓަރުންނާއި ވެންޗަރ ކެޕިޓަލިސްޓުންނާއި ހިއްސާކުރުމުގެ ފުރުސަތު ހުޅުވިގެންދާނެކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން އެންމެ ރަނގަޅު 3 ޓެކޮނޮލޮޖީ ވިޔަފާރި އިންވެސްޓަރުންނާއި ވެންޗަރ ކެޕިޓަލިސްޓުން ހޮވާނެކަމަށް ވެސް ކޮމިއުނިކޭޝަން މިނިސްޓްރީން ބުނެއެވެ.
ކޮމިއުނިކޭޝަން މިނިސްޓްރީން ހާމަކުރިގޮތުގައި“އެމާރޖް އެކްސް“ ޕްރޮގްރާމްގައި ބައިވެރިވާ ސްޓާޓްއަޕްތަކަށް ދުނިޔޭގެ ފެންވަރުގެ ވާހަކަދެއްކުންތެރިން ބައިވެރިވާ ރީޖަނަލް އީވެންޓްގައި ބައިވެރިވުމުގެ ފުރުސަތު ވެސް ފަހިވެގެންދާނެއެވެ. ހަމައެއާއެކު 01 އަހަރު ދުވަހުގެ މުއްދަތައް މެންޓޯޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ވެސް ކޮމިއުނިކޭޝަން މިނިސްޓްރީން ހާމަކުރެއެވެ.
މި ގޮތުން މެންޓޯޝިޕް ޕްރޮގްރާމުގެތެރެއިން އަމިއްލަ ޓެކްނޮލޮޖީ ވިޔަފާރި އިތުރަށް ހަރުދަނާކޮށް ފުޅާކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މައުލޫމާތު ވެބިނަރސްއާއި ވޯކްޝޮޕްސް މެދުވެރިކޮށް ލިބިގެންދާނެކަމަށް ކޮމިއުނިކޭޝަން މިނިސްޓްރީން ބުނެއެވެ.
ކޮމިއުނިކޭޝަން މިނިސްޓްރީން ބުނެފައިވާގޮތުގައި މި މަސައްކަތަކީ ރާއްޖެއަކީ ރީޖަނަލް ޓެކްނޮލޮޖީ ހަބަކަށް ހެދުމުގެ ގޮތުންނާއި ހަމަ އެހެންމެ ރާއްޖޭގެ މި ދާއިރާގައި ހަރަކާތްތެރިވާ ކުދިންނަށް ލިބިގެންދާނެ ވަރަށް ރަނުގެ ފުރުސަތެކެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ މަލީޙް ވަނީ މީގެ 15 އަހަރު ކުރިން މިނިސްޓްރީ އޮފް ސައިންސް އެންޑް ޓެކޮނޮލޮޖީގެ ނަމުގައި މިނިސްޓްރީއެއް އުފެދިގެން ދިޔަކަން ފާހަގަކުރައްވައި ރާއްޖެއަކީ އޭރު ޓެކްނޮލޮޖީގެ ރޮނގުން އޭޝިއާ ސަރަހައްދަށް ބަލާއިރު ވަރަށް ކުރީ ސަފުގައި ހިމެނުނު ޤައުމެއްކަމަށް ވިދާޅުވެފައެވެ. އަދި މިނިސްޓްރީ އުވިގެންދިއުމާއި އެކު އެ ދުވެލި ފަހަތައް ޖެހިފައިވާކަމަށް މިނިސްޓަރު މަލީޙް ވިދާޅުވިއެވެ.
ނަމަވެސް ސަރުކާރުގެ މުއައްސަސާތަކުގެ ޓެކްނޮލޮޖީ ބޭނުންތައް އެންސީއައިޓީގެ އެއްބާރުލުމާއިއެކު ކުރިއަށްގެންދެވުނުކަމަށް ވެސް މިނިސްޓަރު މަލީޙް ވިދާޅުވިއެވެ.
މިނިސްޓަރު މަލީޙް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރާއްޖެއަކީ ޓެކްނޮލޮޖީގެ ވަސީލަތްތައް ވަރަށް ގިނައިން އިމްޕޯޓުކުރާ ޤައުމެކެވެ. މި ގޮތުން ޓެކްނޮލޮޖީ އާއި ދޯޅުވުމުގައި ޕްރައިވެޓް ސެކްޓަރގެ މަސައްކަތްތައް ފާހަގަކޮށްލެވޭކަމަށް މިނިސްޓަރު މަލީޙް ވިދާޅުވިއެވެ.
މިނިސްޓަރު މަލީޙް ވިދާޅުވީ ރާއްޖޭގައި އަމިއްލަ ވިޔަފާރި މަތީ ހަރުފަތަކަށް ގެންދަން ބޭނުންވާ ޒުވާން ހުނަރުވެރި ކުދިންވެސް އެބަ ތިބިކަމަށެވެ.
މި ގޮތުން މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަނީ ޒުވާނުންގެ އުންމީދުތައް ހާސިލުކުރުމުގެ މަގު ތަނަވަސްކޮށްދެވޭތޯކަމަށާއި މުސްތަޤުބަލުގައި މައިކްރޯސޮފްޓް ފަދަ ބޮޑެތި އެހެން ޓެކްނޮލޮޖީ ކުންފުނިތަކާއެކު މިފަދަ މަސައްކަތްތައް ކުރުމަށް މިނިސްޓްރީއިން ވިސްނަމުންދާކަމަށް ވެސް މަލީޙް ވަނީ ވިދާޅުވެފައެވެ.