ކޮވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު, ބޯޑަރު އަލުން ހުޅުވައިލިތާ ދޮޅުމަސް ދުވަސްތެރޭ ރާއްޖެއަށް ޒިޔާރަތްކުރީ 9329 ފަތުރުވެރިންކަމަށް އިމިގުރޭޝަނުން ހާމަކޮށްފިއެވެ.
އިމިގުރޭޝަނުން މިއަދު ޢާންމުކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން ޖުލައި 15 އިން ފެށިގެން އެ މަހުގެ ނިޔަލަށް ރާއްޖެ އައިސްފައިވަނީ 1701 ފަތުރުވެރިންނެވެ. އަދި ހުސްވި އޯގަސްޓުމަހު އައިސްފައިވަނީ 7628 ފަތުރުވެރިންކަމަށް ވެސް އިމިގުރޭޝަންގެ ތަފާސް ހިސާބުތައް ބުނެއެވެ.
ޖުލައި މަހުގައި އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 100 ފަތުރުވެރިން އައިސްފައިވާއިރު އޯގަސްޓުމަހުގެތެރޭގައި ދުވާލެއްގެ މައްޗަށް އައިސްފައިވަނީ 218 ފަތުރުވެރިންނެވެ.
އިމިގުރޭޝަންގެ ތަފާސް ހިސާބުތަކުގައިވާގޮތުން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޔޫއޭއީ އިންނެވެ. މި ގޮތުން އެ ޤައުމުން 1627 ފަތުރުވެރިން އައިސްފައިވެއެވެ.
ދެވަނައަށް އެންމެ ގިނަ ފަތުރުވއރިން އައުސްފައިވަނީ ޔޫކޭއިންނެވެ. މި ގޮތުން މި މުއްދަތުގެތެރޭގައި ޔޫކޭއިން ރާއްޖެއަށް އައިސްފައިވަނީ 715 ފަތުރުވެރިންނެވެ.
މީގެ އިތުުރުން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުތަކުގެތެރޭގައި އެމެރިކާ, ސްޕެއިންގެ އިތުރުން ރަޝިޔާއާއި ޖަރުމަން ވިލާތް ހިމެނެއެވެ.
ރާއްޖޭގެ ބޯޑަރު ހުޅުވައިލައި އިޤުތިޞާދު ކޮޅަށްޖަހަން މަސައްކުރަމުން އަންނަ މި ދަނޑިވަޅުގައި ރައީސް ޞާލިޙް ވަނީ ދުނިޔޭގެ އެހެން ޤައުމުތަކާއި އަޅާބަލާއިރު ރާއްޖެއަކީ އެންމެ ރައްކާތެރި ޤައުމުކަަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އަންނަން ބޭނުންވާ ފަތުރުވެރިންނަށް މި މެސެޖު ފޯރުކޮށްދިނުމަށް ވެސް ރައީސް ޞާލިޙް ވަނީ އެދިވަޑައިގެންފައެވެ.