އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ގދ.ތިނަދޫ ދެކުނުދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ނިންމަވާފައިވާކަން އެވިޑް ކޮލެޖްގެ ޗެއާމަން ޢަބްދުﷲ މުސްތާޤް ރަޝާދު ހާމަކުރައްވައިފިއެވެ.
މުސްތާޤް އެކަން ހާމަކުރެއްވީ ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
މުސްތާޤް ވިދާޅުވީ ތިނަދޫ ދެކުނުދާއިރާގެ މަޖިލީސް އިންތިޚާބަށް ކުރިމަތިލައްވާ ކަމަށާއި ތިނަދޫ އެންމެހައި ރައްޔިތުންނަށް އިޙްތިރާމާއެކު އެކަން ދަންނަވާ ކަމަށެވެ.
ތިނަދޫ ދެކުނުދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ނިންމަވާފައިވާކަން މުސްތާޤް އިއުލާން ކުރައްވާފައިވާ އިރު ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ރިޔާސީ ކެންޑިޑޭޓު، އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ތިނަދުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި މުސްތާޤް ވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއަށް ސޮއިކުރައްވާފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާތަކެއް އަނބުރާ ގެންގޮސް އެމަނިކުފާނު މިހާރުން މިހާރަށް މިނިވަން ކުރުމަށް މުސްތާޤް އަންނަނީ ގޮވާލަމުންނެއެވެ.