ރާއްޖޭގެ ރިއަލް ޖީޑީޕީ މި އަހަރު 6.5 ޕަސެންޓް ކުރިއެރި ނަމަވެސް ކުރިއަރާނެ ކަމަށާއި ކުރިއަށް އޮތް 2 އަހަރު އިގުތިސާދު ދަށްވާނެ ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.
ވޯލްޑް ބޭންކުން މިއަދު ނެރުނު އެންމެ ފަހުގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް ރިޕޯޓުގައިވާ ގޮތުން ރާއްޖޭގެ އިގުތިސާދީ ތަސައްވަރު ރަނގަޅެވެ.
އެގޮތުން ރާއްޖޭގެ އިގުތިސާދު 6.5 ޕަސެންޓުގައި ކުރިއަރާނެ ކަމަށް ބުނެފައިވީ ނަމަވެސް 2024 އިން 2025 އަށް އެވްރެޖްކޮށް އިގުތިސާދު ކުރިއަރާނެ ކަމަށް ބުނެފައި ވަނީ 5.4 ޕަސެންޓެވެ.
ދުނިޔޭގެ އިގުތިސާދީ ހީނަރުކަމުގެ ތެރޭގައި އަގުބޮޑުކޮށް ދަރަނި ނެގުން ކުރިއަށް ގެންދާނަމަ މާލީ ގޮންޖެހުންތައް ބޮޑުވެ އޭގެ އަސަރު އިގުތިސާދަށް ކުރާނެ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
ރާއްޖެއަށް ހުރި ގޮންޖެހުންތައް ބޮޑު ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ރިޕޯޓުގައި ބުނީ ދުނިޔޭގައި ތަކެތީގެ އަގު ބޮޑުވުމާއި ކެޕިޓަލް ހަރަދާއި ސަބްސިޑީއަށް ކުރާ ހޭދަ އިތުރުވުމާއި ބަޖެޓް ޑެފިސިޓް ފޫބައްދަން މަރުކަޒީ ބޭންކުން ފައިސާ ދޭން ޖެހުމާއި އިންފްލޭޝަން މަތިވުމާ ގުޅިގެން ރާއްޖޭން ދަނީ މާލީ ގޮންޖެހުންތަކާއި ކުރިމަތިލަމުންނެވެ.
އެ ގޮންޖެހުންތަކުގެ ސަބަބުން މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށްޓަކައި އަވަސް އަދި ހަރުދަނާ މާލީ ފިޔަވަޅުތަކެއް އެޅުމާއެކު ޒިންމާދާރު ގޮތެއްގައި ދަރަނި ބެލެހެއްޓުން މުހިންމު ކަމަށް ބުނެފައިވެއެވެ.
ވޯލްޑް ބޭންކުން ބުނީ ޑެފިސިޓް ދަށްވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް ރާއްޖޭގެ ޖުމުލަ ދަރަނި ޑީޖީޕީގެ ނިސްބަތުން 115 ޕަސެންޓަށްވުރެ މަތީގައި ހުންނާނެ ކަމަށް ބެލެވޭ ކަމަށެވެ.
މިއީ މި އަހަރު ހުރި ނިސްބަތަށްވުރެ 1.4 ޕަސެންޓް އިތުރުވުމެކެވެ. އެ ނިސްބަތް 2025 ވަނަ އަހަރު 1.16 ޕަސެންޓަށްވުރެ މަތީގައި ހުންނާނެ ކަމަށްވެސް ވޯލްޑް ބޭންކުން ބުނެވެ.
ވޯލްޑް ބޭންކުން ބުނީ މާލީ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށްޓަކައި ރާއްޖޭން އާމްދަނީ އިތުރުކުރުމާއެކު ހަރަދުތައް ރަނގަޅަށް ބަލަހައްޓަން ޖެހޭނެ ކަމަށެވެ.
އާސަންދަ ސްކީމް ފަދަ ޕްރޮގްރާމްތައް މުރާޖައާކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ރަނގަޅަށް އެކަށައަޅައި ބެލެހެއްޓިގެން އަދި ރަނގަޅަށް އިންތިޒާމުވެގެން އުމްރާނީ ތަރައްގީގެ އިންވެސްޓްމަންޓުތައް ކުރުމަށް ވަރުގަފަދަ ޕަބްލިކް އިންވެސްޓްމަންޓް މެނޭޖްމަންޓް ނިޒާމެއް ގާއިމުކުރުން ފަދަ އިސްލާހީ ފިޔަވަޅުތަކެއް އެޅުން މުހިންމު ކަމަށެވެ.
އާމްދަނީގެ ދާއިރާއިން ޓެކްސް ބޭސް ފުޅާކުރުމާއި ރާއްޖޭގެ އެތެރެއިން އާމްދަނީ ލިބެން ހުރި ވަސީލަތްތަކުގެ ބޭނުން ހިފުމާއި ނުރަސްމީ އިގުތިސާދީ ހަރަކާތްތައް މަދުކުރުމާއި ޓެކްސްގެ އިންސާފުވެރިކަން އުފެއްދުން އަދި ފިޔަވަޅުތަކަށް ވިސްނުން ބަހައްޓަން ޖެހޭ ކަމަށް ވެސް ވޯލްޑް ބޭންކުން ވަނީ ބުނެފައެވެ.