ރައްޔިތުންގެ ވެރިކަމެއް ކޮށްދެވޭނީ ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ލިބިގެންކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ޑރ. މުއިއްޒު މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަޑައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުރުން ޕާޓީތައް ތަމްސީލު ކުރައްވާ ޕީޖީ ލީޑަރުންނާއި ބައްދަލުކުރައްވައިފަ އެވެ. މި ބައްދަލުކުރެއްވުމުގައި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި އިންތިގާލީ މަރުހަލާގެ ޑިރެކްޓަރ ޖެނެރަލް އަބްދުއްރަހީމް އަބްދުއްﷲ ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މަޖިލީހުގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި މުއިއްޒު ލިޔުއްވި ގޮތުގައި ރައްޔިތުންގެ ވެރިކަމެއް ކުރުމުގައި މަޖިލިހުގެ ފުރިހަމަ ދައުރަކީ ނުހަނު މުހިންމު ކަމެކެވެ. އަދި އެކަން އެގޮތަށް ވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިހާރު އޮތް 19 ވަނަ މަޖިލީހުގައި ތިއްބެވި މެމްބަރުންގެ ދައުރު ހަމަވާން އަހަރެއްހާ ދުވަސް އޮތްއިރު މިއީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހެކެވެ. އެގޮތުން 56 މެމްބަރުންނަކީ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންނެވެ. އިދިކޮޅު ޕީޕީއެމްގެ 4 މެމްބަރުން އަދި ޕީއެންސީގެވެސް ތިއްބެވީ 4 މެމްބަރުންނެވެ. މީގެ އިތުރުން ޑިމޮކްރެޓްސްއަށް ނިސްބަތްވާ 13 މެމްބަރުން ތިއްބަވަ އެވެ. އެމްޑީއޭ، އެމްއެންޕީގެ ބައެއް މެމްބަރުންވެސް މަޖިލީހުގައި އެބަ ތިއްބެވި އެވެ.