މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ނިޒާމީ ވޯޓެއް ނެގިދާނެ ކަމަށް ކުރިން ބުނި ނަމަވެސް މި މަހުގެތެރޭގައި އެފަދަ ވޯޓެއް ނެގުމުގެ ފުރުސަތު މިހާރު ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް މިއަދު ވިދާޅުވީ އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގައިވާ ގޮތުން އިންތިޚާބެއް ބޭއްވުމަށްޓަކައި މަދުވެގެން 45 ދުވަސް ބޭނުންވާ ކަމަށެވެ. އެއީ އިންތިޚާބަށް އިއުލާން ކުރުމާއި ރަޖިސްޓަރީ އާންމުކޮށް ޝަކުވާ އަށް ހުށަހެޅުމާއި ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލުމާއި އޮފިޝަލުން ތަމްރީން ކުރުމާއި ކެމްޕެއިން ކުރުމާއި ވޯޓުލާ މަރުކަޒަށް ބޭނުންވާ ތަކެތި ތައްޔާރުކުރުމާއި ވޯޓު ކަރުދާސް ތައްޔާރުކޮށް ޗާޕުކުރުން ފަދަ ކަންކަމަށް ކަން ޙަބީބް ފާހަގަކުރެއްވިއެވެ.
ނިޒާމީ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހުން ގަރާރެއް ފާސްކުރުމަށްފަހު އީސީއަށް ފޮނުވީ ރިޔާސީ އިންތިޚާބުގެ މަސައްކަތް ހިނގަމުން އައި ވަގުތުގައެވެ. އެފަދަ ވަގުތެއްގަައި އެ ކޮމިޝަނަށް މަދުވެގެން 30 ދުވަހުގެ މުއްދަތެއް ލިބިއްޖެނަމަ އޮކްޓޫބަރު 30 ގެ ކުރިން އެފަދަ ވޯޓެއް ނެގިދާނެ ކަމަށް އީސީން ކުރިން ވަނީ ބުނެފައެވެ.
ނަމަވެސް މިއަދާ ހަމަޔަށް ވެސް ރައްޔިތުންގެ މަޖިލީހުން ކޮމިޝަނުން އެދުނު ކަންކަމާ މެދު ގޮތެއް ނިންމާފައި ނުވާތީ މި މަހުގެ ތެރޭގައި އެފަދަ ވޯޓެއް ނެގުމުގެ ފުރުސަތު މިހާރު ނެތް ކަމަށް ޙަބީބް ވިދާޅުވިއެވެ. އަދި މިކަމަކީ ރައްޔިތުންނާ ސީދާ ގުޅުންހުރި ކަމަކަށްވެފައި މިކަމާ ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށް ދިނުމަކާ ނުލައި މިފަދަ ވޯޓަކަށް ދިޔުމަކީ ކުރެވިދާނެ ކަމެއް ކަމަކަށް ގަބޫލެއް ނުކުރެވޭ ކަމަށް ވެސް ޙަބީބް ވިދާޅުވިއެވެ.