ރިޔާސީ އިިންތިޚާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސްއިން ވަކި ކޮޅަކަށް ތާއީދުނުކޮށްފިނަމަ ނިޒާމީ ވޯޓު ނެގުމަށް ތާއީދުކުރާނެ ކަމަށް އެ ޕާޓީން ނުބުނާ ކަމަށް އެމްޑީޕީން މިއަދު ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ރިޔާސީ އިިންތިޚާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސްއިން ވަކި ކޮޅަކަށް ތާއީދުނުކޮށްފިނަމަ ނިޒާމީ ވޯޓު ނެގުމަށް ތާއީދުކުރާނެ ކަމަށް އެމްޑީޕީން ކުރިން ބުނެފައިވާ ކަމަށެވެ.
އެމްޑީޕީން އެދިގެން އެކަން ކަށަވަރުކޮށްދިނުމަށް ޑިމޮކްރެޓްސްއިން ސިޓީއެއް ވެސް ފޮނުވި ކަމަށާއި ނަމަވެސް އެ ސިޓީއަށް އެމްޑީޕީން ޖަވާބުދީފައިނުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މި ވާހަކަ ދޮގުކޮށް އެމްޑީޕީން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ޑިމޮކްރެޓްސްއިން އެ ޕާޓީއަށް ހުށަހެޅި ހުށަހެޅުމަކީ 30 ސެޕްޓެމްބަރުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެއްބަސްވާނަމަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ޑިމޮކްރެޓްސްއިން ތާއީދުކުރާނެ ކަމަށް ކަމަށެވެ. މި ހުށަހެޅުން ގަބޫލުކުރެވެން ނެތް ކަމަށް ޑިމޮކްރެޓްސްއަށް އެންގިކަމަށް އެމްޑީޕީން ބުންޏެވެ.
މީގެ އިތުރުން އެއްވެސް ކަމަކަށް އެ ޕާޓީއާ ދި ޑިމޮކްރެޓްސްއާ ދެމެދު އެއްބަސްވެފައިނުވާނެ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
އަދި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރުމަށް ޑިމޮކްރެޓްސްއިން ނިންމި ނިންމުމަކީ އެމްޑީޕީއާއެކު އެއްވެސް އެއްބަސްވުމެއްގެ ދަށުން އެ ޕާޓީން ނިންމާފައިވާ ނިންމުމެއް ނޫން ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފައެވެ.