އޭނާ ވައްކަމެއް ކޮށްފައި އޮވެގެން ލެވޭނެ ޖަލެއް ނުހުންނާނެ ކަމަށް އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.
މޫކޭ މިހެން ވިދާޅުވީ ސަރުކާރުގެ އިސް ވެރިން ރާއްޖެއިން ފުރުން މަނާކުރަން ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު އިއްޔެ ގޮވާލެއްވުމާ ގުޅިގެންނެވެ.
ޖަމީލު ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމާއެކު އިންތިގާލީ މަަރުހަލާގައި ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭ ދެ ކަމެއްވާ ކަމަށާއި އެއް ކަމަކީ މި ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަނާގުޅޭ ލިއެކިއުންތަކަށް ބަދަލު ގެނައުމާއި/ނައްތާލުމުގެ ފުރުސަތު ނުދިނުން ކަމަށެވެ. ދެވަނަ ކަމަކީ ބޭރު ސިފައިންނާގުޅޭ އެއްބަސްވުންތަކާއި ކަނޑު ވިއްކުމާގުޅޭ ލިޔުންތައް ބެލެހެއްޓުން ކަމަށާއި މި ދެކަމުގައި ޒިންމާ އުފުލަންޖެހޭ ކުންފުނިތަކުގެ ވެރިން ފުރުން މަނާކުރަންޖެހޭ ކަމަށް ޖަމީލު ވިދާޅުވިއެވެ.
“މި ދެކަމުގައި ޒިންމާ އުފުލަންޖެހޭ ކުންފުނިތަކުގެ ވެރިން, ސްޓެލްކޯ ޝަރީފު, ފެނަކަ ސަޢީދު, މޫކޭ, އެމްޓީސީސީ އާދަމް, އަދި ފައިނޭންސް އަމީރު, ރިފްޢަތު, މާރިޔާފަދަ މީހުން
ފުރުން މަނާކުރުން.“
މިކަމާ ގުޅިގެން މޫކޭ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފިލައިގެން ފުރައިގެން ދާންޖެހޭ ސަބަބެއް ނޯންނާނެ ކަމަށެވެ. އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ތިޖޫރީއާއި 13 މިލިއަނަށް ވީގޮތް ބެލުމުގެ ފުރުސަތު މިހާރުގެ އިދިކޮޅަށް ލިބޭނެ ކަމަށް ވެސް މޫކޭ ވިދާޅުވިއެވެ.
މޫކޭ ވިދާޅުވީ ޔަގީނުން ވެސް ވައްކަމެއް ކޮށްފައި އޮވެގެން ލެވޭނެ ޖަލެއް ނުހުންނާނެ ކަމަށެވެ.