ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ހއ.އަތޮޅުން ފެށިގެން ވ.އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
އެ ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު 11:00 އިން ހަވީރު 17:00 އަށެވެ.
މެޓް އޮފީހުން ވަނީ އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރައި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައެވެ.
މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވެސް އިލްތިމާސްކޮށްފައެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އާދިއްތަ ދުވަހު ވަނީ ނައިފަރަށް ބޯކޮށް ވާރޭވެހި އެ ރަށުގެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެފައެވެ. އަދި ހަމަ އެރޭ މާލެ ސިޓީއަށް ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ ފެން ހިއްކުމުގެ މަސައްކަތް ކޮށްފައެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގައި އެންމެ ގިނައިން ވާރޭވެހިފައިވާ ކަމަށް ރެކޯޑް ކުރެވިފައިވަނީ ހދ.ހަނިމާދުއާއި ކ.ކާށިދުއާއި ހުޅުލެއާއި ބ.ގޮއިދުއަށެވެ.