ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވަނީ އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒާ ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ. ނަޝީދު ވިދާޅުވީ މި ބައްދަލުވުން ހަމަޖެހިފައިވަނީ 11:00 އަށް ކަމަށެވެ.
”މިއަދު 11:00 ޖަހާއިރު ޕްރެޒިޑެންޓް އިލެކްޓް ޑރ.މުޢިއްޒު އެބަ ވަޑައިގަންނަވާ މަޖިލީހަށް.“ ދެން ޖަލްސާ ފަށަން ގަސްދު ކުރައްވަނީ 11:20 ނުވަތަ 11:30 ގައިކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ޑރ.މުޢިއްޒާ ބައްދަލު ކުރައްވާއިރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެސް ވަނީ މި މަހުގެ 01 ވަނަ ދުވަހު ރައީސް އޮފީހުގައި މުޢިއްޒާ ބައްދަލު ކުރައްވައިފައެވެ.
އެ ބައްދަލުވުމުގައި ރައީސް ވަނީ ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރާ ގާނޫނު ކަމަށްވާ “ ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ގާނޫނު“ ގައިވާ ގޮތުގެ މަތިން ކުރައްވަންޖެހޭ އެންމެހައި ކަންކަން ކޮށްދެއްވާނެ ކަމަށާއި އެ ކަންކަން ވީހާވެސް އޮމާންކަމާއެކު ގެންދެވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.