އަށްޓެރި އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގައި ހުންނަ އަފްޣާނިސްތާނުގެ އެމްބަސީ ބަންދުކޮށްފިއެވެ.
ދިއްލީގައި ހުންނަ އަފްޣާނިސްތާނުގެ އެމްބަސީން ނެރުނު ބަޔާނެއްގައި ވަނީ އެ ތަނުން ދެމުންދިޔަ ހިދުމަތްތައް ހުއްޓައިލާއި އެމްބަސީ ބަންދު ކުރަން ނިންމުމަކީ ހިތާމަވެރި ނިންމުމެއް ކަމުގައެވެ.
އެމްބަސީ ބަންދު ކުރަން މަޖުބޫރުވީ މުވައްޒަފުންގެ އަދަދު މަރުވެ އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވިސާ ހަމަޖައްސަން ދަތިތަކާއި ކުރިމަތިވުމުގެ ސަބަބުން ކަމަށް އެ ބަޔާނުގައިވެއެވެ.
އެމްބަސީ ބަންދުކުރުމާއެކު އިންޑިޔާގެ ޚާރިޖީ ވުޒާރާއިން ވަނީ ވަގުތީ ގޮތުން އެ ތަނާ ހަވާލުވެފައެވެ.
އަފްޣާނިސްތާނުގެ ސަފީރާއި އެ ތަނުގެ އިސް މުވައްޒަފުން އިންޑިޔާ ދޫކޮށް މިހާރު ފުރާފައިވާ ކަމަށް ރިޕޯޓުތައް ބުނާ އިރު އެމްބަސީ ތެރޭގައި ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށް ބައެއް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް އެމްބަސީން ނެރުނު ބަޔާނުގައި އެ ކަން ވަނީ ދޮގު ކޮށްފައެވެ.
ދިއްލީގައި ހުންނަ އަފްޣާނިސްތާނުގެ އެމްބަސީ ބަންދުކޮށްފައި މި ވަނީ އަފްޣާނިސްތާނުގެ އިންތިހާބީ ސަރުކާރު ވައްޓައިލާއި ޠާލިބާނުން އެ ޤައުމުގެ ވެރިކަން ފޭރިގަތްތާ 2 އަހަރު ފަހުންނެވެ.
ވެރިކަން ފޭރިގަތުމަށް ފަހު ޠާލިބާނުންގެ ސަރުކާރެއް ގާއިމުކޮށްފައިވީ ނަމަވެސް ގިނަ ގައުމުތަކުން ޠާލިބާނުންގެ ސަރުކާރު ބަލައިގަނެފައެއް ނުވާ އިރު އެ ގައުމުތަކުގެ ތެރޭގައި އިންޑިޔާ ވެސް ހިމެނެއެވެ.