މިޞްރުގެ ފުލުހުންގެ މަރުކަޒެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި 25 މީހުން ފިހިއްޖެއެވެ.
އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އިސްމާޢިލިއްޔާގައި ހުންނަ ފުލުހުންގެ މައި އިދާރާ ކަމުގައިވާ ސެކިޔުރިޓީ ޑިރެކްޓަރޭޓްގެ އޮފީސްތައް ހުންނަ އިމާރާތުގައެވެ.
އެ އިމާރާތުގައި ރޯވި އަލިފާންގަނޑު ނިއްވައިލެވުނީ ހަޔެއްކަ ގަޑިއިރުގެ މަސައްކަތުންނެވެ.
އަލިފާން ރޯވާން މެދުވެރިވި ސަބަބު ދެނެގަނެވިފައި ނުވާ ކަމުގައި މިޞްރުގެ އޮފިޝަލުން ވިދާޅުވެއެވެ.
އެ ގައުމުގެ އެމްބިޔުލާންސް އިދާރާއިން ބުނީ އެ ހާދިސާގައި ފިހިގެންނާއި ދުމުގެ އަސަރު ކޮށްގެން 25 މީހަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ޖެހުނު ކަމުގައެވެ.
އަލިފާން ރޯވެ އިމާރާތުގެ ބައެއް ވެއްޓިފައިވާ ކަމުގައި މަންޒަރު ފެނުނު މީހުން ބުނެއެވެ.
އެ އިމާރާތުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު ދެނެގަތުމަށް ހާއްސަ ކޮމިޓީއެއް އެކުލަވައިލާފައިވާ ކަމަށް މިޞްރުގެ ދާޚިލީ ވަޒީރު މަޙްމޫދު ތަވްފީޤް ވިދާޅުވިއެވެ.