ޔޫރަޕިއަން ޔޫނިއަނުން ކަމެއް ކޮށްދޭނެ ކަމަށް މިހާރު ނުވިސްނާ ކަމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.
އުރުދުޣާން ވިދާޅުވީ އީޔޫ މެމްބަރުކަށް ވުމަށް ތުރުކީވިލާތުން އެދިގެން އުޅޭތާ ޒަމާންތަކެއް ވެއްޖެ ކަމަށާއި ބުރަސެލްސްގައި އެ ތިބީ ތުރުކީއަށް ކަމެއް ކޮށްދޭން ބޭނުންވާ ބައެއް ނޫން ކަމަށެވެ.
ތުރުކީވިލާތަށް ކުރަން ޖެއްސި ހުރިހާ ކަމެއް އޮންނާނީ ފުރިހަމަކޮށްފައި ކަމަށާއި އެ ގައުމަކީ ވައުދެއް ވެއްޖެނަމަ ފުއްދާނެ ގައުމެއް ކަމުގައި އުރުދުޣާން ވިދާޅުވިއެވެ.
އީޔޫއިން ތުރުކީވިލާތަށް ކޮށްދޭނެ ކަމަށް ބުނި އެއްވެސް ކަމެއް މއަދާއި ހަމައަށް ކޮށްދީފައި ނުވާ ކަމަށް ގާނޫނު ހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން އުރުދުޣާން ވިދާޅުވިއެވެ.
އުރުދުޣާން ވިދާޅުވީ ޔޫރަޕިއަން ޔޫނިއަންގެ ދޮރުބުޑުގައި 60 އަހަރު ހޭދަކުރެވިއްޖެ ކަމަށާއި އީޔޫއާމެދު އަންކާރާ އިން މިހާރު އޮތީ ގޮތް ނިންމާފައި ކަމަށެވެ.
އަންކާރާއަށް މިހާރު އޮތީ އީޔޫ އިން ތުރުކީވިލާތަށް ކަމެއް ކޮށްދިނުމުން ބުރަސެލްސްއަށް ކަމެއް ކޮށްދިނުމުގެ ސިޔާސަތު ކަމަށް އުރުދުޣާން ވިދާޅުވިއެވެ.
ތުރުކީވިލާތުގެ ރައްޔިތުން ޔޫރަޕަށް ދަތުރުކުރަން ބޭނުންވާ ވިސާއަަށް ވެސް އީޔޫއިން ދަތިކުރާ ކަމަށާއި އެހެން ކަން އޮތުމުން ސިޔާސަތުތަކަށް ބަދަލުގެންނަން ޖެހޭ ކަމަށް އުރުދުޣާން ވެސް ވިދާޅުވިއެވެ.