އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރު ޒިންމާދާރު ކުރުވުމުގައި އަބަދުވެސް އިދިކޮޅު ސިޔާސީ ޕާޓީގެ ގޮތުގައި ދެމިތިބޭނެ ކަމަށް އެމްޑީޕީގެ ޗެއާ ޕާސަން ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެއެވެ.
ޑރ. މުޢިއްޒު ރިޔާސީ ރޭހުގައި ވާދަކުރައްވާ ކާމިޔާބު ކުރައްވާފައި ވަނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ރިޔާސީ ޓިކެޓްގައެވެ.
އިދިކޮޅު ޕާޓީގެ ގޮތުގައި ސަރުކާރު ޒިންމާދާރު ކުރުވުމުގައި ދެމިތިބޭނެ ކަމަށް ފައްޔާޒް ވިދާޅުވެފައި މިވަނީ ޑރ. މުޢިއްޒު މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކޮށްދިނުމަށް އެމްޑީޕީގެ ކިބައިން އެދިވަޑައިގެންފައި ވާތީއެވެ.
ސަރުކާރަކަށް ޑިމޮކްރަސީގައި ޒިންމާދާރު އިދިކޮޅު ޕާޓީއެއް އޮތުން މުހިންމު ވާނެ ކަން ފާހަގަކުރައްވާ ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއަކުން ސަރުކާރުން ކުރާ ކަންކަމަށް ފާޑުކިޔާ އެއަށްވުރެ ރަނގަޅު ސިޔާސަތުތައް ރައްޔިތުންނަށް ގެނެސްދޭނެ ކަމަށް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
އެގޮތުން މިކަމަށް އިޝާރަތްކުރައްވާ ފައްޔާޒް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތުގައި އެމްޑީޕީން ޒިންމާދާރު ކަމާއެކު މަސައްކަތް ކުރާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
ޕީޕީއެމް ޕީއެންސީގެ ވެރިކަމުގައި ހެޔޮވެރިކަމުގެ އުސޫލުތައް ހިފަހައްޓާނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.
މީގެ ކުރިން 2013 ވަނަ އަހަރު ފެނުނު ހުދުމުހުތާރުކަން އެމްޑީޕީން ބަލައި ނުގަންނާނެ ކަމަށްވެސް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.