އާ ސަރުކާރަކުން ވެރިކަމާ ހަވާލުވާން ކައިރިވެފައިވަނިކޮށް އާ ޕްރޮޖެކްޓުތައް ނުފަށަން އެންޓި ކޮރަޕްޝަން ކޮމިޝަނުން އެދިއްޖެއެވެ.
އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ މި ދަނޑިވަޅުގައި ބައެއް ފަރާތްތަކުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކުއްލި ކަންތައްތަކެއް ކުރުމަށް ނިންމަމުން ގެންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
ސަރުކާރުގެ އޮފީސްތަކާއި، ދައުލަތުގެ އިދާރާތަކާއި، މުއައްސަސާތަކާއި، ސަރުކާރުގެ ކުންފުނިތަކުން މުޅިން އާ ޕްރޮޖެކްޓުތައް ނުހިންގުމަށާއި ކޮރަޕްޝަނަށް މަގުފަހިވެދާނެ ގޮތްތަކަށް އަމަލުނުކުރުމަށާއި، ކުރަންޖެހޭ ހަރަދުތައް ފިޔަވާ އަލަށް ކަންކަން ނިންމައިގެން ހަރަދުނުކުރަން އޭސީސީން ވަނީ އެދިފައެވެ.
ކުރިން ބަޖެޓްކޮށްފައި ނުވާ ޕްރޮޖެކްޓުތަކުގެ އެއްބަސްވުންތަކުގައި ސޮއިނުކުރުމަށާއި ލިޔެކިޔުން ރައްކާތެރިކަމާއެކު ބެލެހެއްޓުމާއެކު ފައިސާއާ ގުޅުން ހުރި އެއްވެސް ލިޔެކިޔުމެއް ނައްތާނުލުމަށް ވަނީ އެދިފައެވެ.
މި ކަންކަމަށް ސަރުކާރުގެ ޒިންމާދާރު މަގާމުތަކުގައި ތިބި ފަރާތްތަކުން ސަމާލުކަން ދިނުމަށް ވެސް އޭސީސީން ވަނީ ގޮވާލާފައެވެ.
މި ދަނޑިވަޅުގައި އެ ފަދަ ކަމެއް ހިނގާކަމުގެ މައުލޫމާތު ލިބިއްޖެ ނަމަ އެ މައުލޫމާތު އޭސީސީއަށް ހިއްސާކުރުމަށް ވެސް ވަނީ އެދިފައެވެ.