އިންޓަރެސްޓް ބޮޑުކޮށް 300 މިލިއަން ރުފިޔާގެ ބޮންޑެއް ވިއްކަން އުޅޭ ކަމަށްބުނެ ފަތުރަމުންދާ ވާހަކަ އެމްޓީސީސީން ދޮގުކޮށްފިއެވެ.
އެމްޓީސީސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންނަށް އޮޅުވާލުމުގެ ބޭނުމުގައި އަދި އެ ކުންފުނިން ހޯދާފައިވާ އިތުބާރާއި ރީތި ނަން ކިލަނބުކޮށް ކުންފުނި ބަދުނާމުކުރުމުގެ ނިޔަތުގައި ބައެއް ފަރާތްތަކުން ހަގީގަތާ ހިލާފު ދޮގު ހަބަރު ފަތުރަމުންދާކަމީ ހިތާމަކުރާ ކަމެއް ކަމަށެވެ.
”އެގޮތުން ’ދިޔަރެސް‘ ނޫހުގައި 02 އޮކްޓޯބަރު 2023ގައި މި ކުންފުނިން ’އަވަސް އަރުވާލައިގެން އެމްޓީސީސީން އިންޓަރެސްޓް ބޮޑުކޮށް، 300 މިލިއަންގެ ބޮންޑެއް ވިއްކަނީ‘ މި ސުރުހީގެ ދަށުން ޝާއިއުކޮށްފައިވާ ހަބަރަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ހަބަރެކެވެ..،“ އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ބުނީ ހަވާލާދެވުނު ދިޔަރެސް ނޫހުގެ ހަބަރަކީ ރައްޔިތުންގެ ހިތުގައި އެ ކުންފުންޏަށާއި، ކުންފުނީގެ އިސްވެރިންނަށް ލިބިފައިވާ އިތުބާރާއި ލޯބި ފަނޑުކޮށްލުމަށް ގަސްތުގައި ކޮށްފައިވާ ނާތަހުޒީބީ އަމަލެއްކަން ހިތާމައާއެކު ފާހަގަކުރާ ކަމަށެވެ.
އެ ނޫހުގައި އެ ކުންފުނިން އަވަސް އަރުވާލައިގެން ބޮންޑެއް ވިއްކަން އުޅޭކަމުގައި ބުނެފައިވާ އިރު އެ އިޝާރާތް ކުރި ބޮންޑު މެދުވެރިކޮށް ޕްރައިވެޓް އިންވެސްޓަރުންގެ ފަރާތުން ފައިނޭންސް ރެއިސްކުރުމަށް ކުންފުނީގެ މެނޭޖްމަންޓުން ނިންމާފައި ވާނީ މި އަހަރުގެ މާޗް މަހު ކަމަށް އެ އެމްޓީސީސީން ބުނެއެވެ.
”އެ ބޮންޑަކީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ރެގިއުލޭޓްކުރައްވާ ފައިނޭންޝަލް އިންސްޓުރުމަންޓެއް ކަމުން، މިކަމުގެ އިދާރީ ކަންކަން ވޭތުވެދިޔަ ހަތް މަސްތެރޭ ފުރިހަމަކުރުމަށް މިހާރު މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ https://viyana.mv ޕޯޓަލްގައި ރެޖިސްޓާކުރައްވައިގެން މި ބޮންޑުގެ ފުރިހަމަ މައުލޫމާތު ކޮންމެ ފަރާތަކަށްވެސް އާންމުކޮށް ފެންނަން ހުންނާނެކަމުގައި ދަންނަވަމެވެ. އެގޮތުން މި ބޮންޑަކީ މި ކުންފުންޏަށް ލިބިފައިވާ މަޝްރޫއުތައް ހަލުވިކޮށް ކުރިއަށްގެންދިއުމަށް ބޭނުންވާ ވޯކިން ކެޕިޓަލާއި މެޝިނަރީ އަދި މެޓީރިއަލްސް ހޯދުމުގެ ބޭނުމުގައި ލިސްޓުކޮށްފައިވާ ބޮންޑެކެވެ..،“ އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ބުނީ އެ ބޮންޑުގެ 9.5 ޕަސަންޓުގެ އިންޓަރެސްޓް ރޭޓަކީ މިވަގުތު ރާއްޖޭގެ ބޮރޯވިން ރޭޓާ އަޅައިބަލާ އިރު ބޮޑުތަނުން ކުޑަ ރޭޓެއްކަން ވެސް ފާހަގަކުރާ ކަމަށެވެ.
ފިކްސްޑް އިންކަމް ބޮންޑެއް ލިސްޓުކުރުމަށް ކޮށްފައިވާ މަސައްކަތުގެ ޓައިމްލައިން ވެސް އާންމުކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.
ދެފުށް ފެންނަ މިނިވަން ނޫސްވެރިކަމެއް ރާއްޖޭގައި ކުރިއަށްގެންދާ ޒަމާނެއްގައި، ހަގީގަތް އޮޅުވާލުމަށް ”ދިޔަރެސް“ ނޫހުގައި އެ ކުންފުންޏާއި ކުންފުނީގެ ވެރިން ބަދުނާމުވާ ގޮތަށް އެފަދަ ހަގީގަތާ ހިލާފު ދޮގު ހަބަރު ފެތުރުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށާއި އެކަން ކުރުމުގެ މަގުސަދަކީ ޒާތީ ތައައްސުބު އިސްކޮށް، ސިޔާސީ މަންފާއެއް ހޯދުން ކަމަށް އެމްޓީސީސީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
Noos bayaan nimunuiru bond vikkaakamah eyothee ebbas vefa. Dhen kon vaahakathakeh mi dhahkanee.