ކުލަގަދަ ގޮތެއްގައި މިދިޔަ އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން މާލެސިޓީ ކައުންސިލުން މާލެ ސަރަހައްދުގައި ބޮކިފަތި ދެމި ފަދައިން ދެން ފެނިގެންދާނީ ކޮންމެ އީދެއްގައި ރާއްޖޭގެ ހުރިހާ ސިޓީއެއްގައި އަދި ރާއްޖޭގެ އަތޮޅުުތަކުގައި ވެރިކަން ކުރާ ކޮންމެ ރަށެއްގައި ފުރަތަމަ ފަހަރަށް އެކަން ކުރައްވާ މަންޒަރު ކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުން ލިބުނު ކާމިޔާބީ ފާހަގަކުރުމަށާއިި ރައްޔިތުންނަށް ޝުކުރު އަދާކުރުމަށް ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ޖަލްސާގައި މުޢިއްޒު ވިދާޅުވީ ދިވެހިންނަކީ މާތްވެގެންވާ އިސްލާމްދީނަށް ލޯބިކުރާ, ގައުމުގައި އިސްލާމްދީނަށް ނަސްރުދޭ, އިސްލާމީވަންތަކަން ދިރުވައި އާލާކުރާ މުޖުތަމައުުއެއް ބޭނުންވާ ބައެއް ކަމަށެވެ.
“އެކަން އަޅުގަނޑަށް އިހުސާަސްވެގެންދިޔަ އީދު ދުވަހު މާލެ ސިޓީ ކައުންސިލުން މާލޭގައި ބޮކި ދިއްލީމާ ރައްޔިތުންގެ ހިތަށް ލިބުނު އުފަލާއި ފާޅުކުރަމުންދިޔަ ޝުއޫރުތަކާއި ނަގަމުންދިޔަ ސެލްފީތަކާއި އަޅުގަނޑާ ބައްދަލުވެ ދެއްކި ވާހަކަތަކާއި މި ހުރިހާ ކަމަކުން ފެނިގެންދިޔަ އެކަން.“
“ދެން ފެނިގެންދާނީ ކޮންމެ އީދެއްގައި ރާއްޖޭގެ ހުރިހާ ސިޓީއެއްގަ ހުރިހާ ވެރިކަން ކުރާ ރަށްތަކެއްގައި ފުރަތަމަ ފަހަރަށް އެކަން އަޅުގަނޑުމެން ކުރާނަން.“ މުޢިއްޒު ވިދާޅުވިއެވެ.
ކެރިފޯރުންތެރިކަން ލިބޭ މިންވަރަކުން އެެއަށްވުރެ ފުޅާކުރަމުންދާނެ ކަމަށް ވެސް މުޢިއްޒު ވިދާޅުވިއެވެ.
މިދިޔަ އަޟްޙާ ޢީދަށް މަގުތައް ޒީނަތްތެރި ކުރުމުގެ ގޮތުން މާލެއާއި ވިލިމާލޭގައި ޖުމްލަ 22 ގިޑިގެއާއެކު 2224 ބޮކި މާލެ ސިޓީ ކައުންސިލުން ވަނީ ހަރުކޮށްފައެވެ.