އަދުލުވެރި ވެރިކަމެއް ކޮށްދެއްވަން ވެވަޑައިގެންނެވި ވައުދުގެ މަތީގައި އިރުއަރާ ކޮންމެ ދުވަހަކު ސާބިތުވެ ހުންނަވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުން ލިބުނު ކާމިޔާބީ ފާހަގަކުރުމަށާއިި ރައްޔިތުންނަށް ޝުކުރު އަދާކުރުމަށް ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ޖަލްސާގައި މުޢިއްޒު ވިދާޅުވީ އޭނާ އެދިވަޑައިގަންނަވަނީ ގައުމުގެ ހަމަޖެހުން އަޅުގަނޑުމެން އިސްކުރަން ކަމަށާއި ގައުމަށް ހަމަޖެހުން އަންނަންޖެހޭ ކަމަށެވެ.
”އަޅުގަނޑުމެންގެ ތެރެއިން ބަދަލުހިފުމުގެ ރޫހު ތާއަބަދަށް ނެތިގެންދާން ޖެހޭ.“
އެ ނޫން ހަމައަކުން މި ގައުމަކަށް ހަމަޖެހުމެއް ނާންނާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.
މުޢިއްޒު ވަނީ އަދުލުވެރި ވެރިކަމެއް ކޮށްދެއްވާނެ ކަމަށާއި އިންސާފުވެރިކަމާއެކީގައި ހަމަހަމަކަމާއެކީގައި ރައްޔިތުންނަށް ޚިދުމަތް ކުރައްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދުގެ ވާހަކަ ފާހަގަ ކުރައްވައިފައެވެ.
”އެއީ އަޅުގަނޑު ވީ ވައުދަކީ. އެ ވައުދު މަތީގައި އިރާދަކުރެއްވިއްޔާ އިރުއަރާ ކޮންމެ ދުވަހަކު އަޅުގަނޑު ސާބިތުވެ ހުންނާނެ ވާހަކަ ދަންނަވަން.“ މުޢިއްޒު ވިދާޅުވިއެވެ.