ސަރުކާރާއި ދައުލަތް ހިންގުމުގައި ހަމަޖެހުން އޮތީ ރިޔާސީ ނިޒާމު ދެމި އޮވެގެން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ ބައެއް ގައުމުތަކުގައި އަމަލުކުރަމުންދާ ނިޒާމަކަށް ވިޔަސް, ދިވެހި ދައުލަތް ހިންގުން މިދަނީ ރިޔާސީ ނިޒާމުގެ މައްޗަށް ފައްކާވަމުން ކަމަށެވެ. އަދި ރާއްޖޭގެ ސަރުކާރާއި ދައުލަތް ހިންގުމުގައި ހަމަޖެހުން އޮތީ ރިޔާސީ ނިޒާމު ދެމި އޮވެގެން ކަމަށާއި ރައްޔިތުން ވަނީ ބަސް ބުނެފައި ކަމަށް އެމަނިކުފާނު ވިިދާޅުވިއެވެ.
ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަކަށް ފުރޮޅައިލުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ދަ ޑިމޮކްރެޓްސްއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގަން މަޖިލީހުން ގަރާރެއް ފާސްކޮށް އީސީއަށް ވަނީ ހުށަހަޅައިފައެވެ. އީސީން ނިންމާފައިިވަނީ މި މަހުގެ 29 ވަނަ ދުވަހު އެ ވޯޓު ނެގުމަށެވެ.
ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަކަށް ފުރޮޅައިލުމަށް ރާއްޖޭގެ ގިނަ ސިޔާސީ ލީޑަރުުން ތާއީދެއް ނުކުރައްވައެވެ. ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެސް މިއަދު ވިދާޅުވީ އެމަނިކުފާނުގެ އަމިއްލަ ވިސްނުމުގައި ގައުމަށް އެންމެ ރަނގަޅީ ރިޔާސީ ނިޒާމު ކަމަށާއި އެމްޑީޕީގެ ރޫހު ހުރީ ވެސް އެފަދައިން ކަމަށެވެ.
ނިޒާމީ ވޯޓަށް އިޝާރަތް ކުރައްވައި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑިމޮކްރަސީއެއްގައި ވެރިކަން ބަދަލުވަނީ އިންތިޚާބުން ކަމަށާއި އެހެންކަމުން ގައުމުގެ ހަމަޖެހުމާއި ކުރިއެރުމަށްޓަކައި އިންތިޚާބުން އަލަށް އަންނަ ވެރިކަމަށް މަރުހަބާ ކިޔައި އެއްބާރުލުން ދިނުމަކީ ރައްޔިތުންގެ ޒިންމާއެއް ކަމަށެވެ.
ބަރުލަމާނީ ނިޒާމާ ދެކޮޅު ހައްދަވައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލް ވެސް ވިދާޅުވީ އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒަށް ވެރިކަން ކުރައްވަން ފުރުސަތު ދޭންޖެހޭ ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވީ ރިޔާސީ އިންތިޚާބެއްގެ ދެ ބުރު ބާއްވައި, އެ އިންތިޚާބު މެދުވެރިކޮށް ދިވެހިރައްޔިތުން ކުރިއަށް އޮތް ފަސްއަހަރު ދުވަހަށް ރައީސުލްޖުމްހޫރިއްޔާއަކާއި ރައީސުލް ޖުމްހޫރިއްޔާގެ ނައިބަކު އިންތިޚާބުކޮށް, ދިވެހި ރައްޔިތުންނާއި ބައިނަލް އަގުވާމީ މުޖުތަމައުން އިންތިޚާބުގެ ނަތީޖާ ގަބޫލުކޮށްފައި ވަނިކޮށް, އިންތިޚާބީ ރައީސް އާއި ނާއިބު ރައީސް މަގާމުގެ ހުވާކުރެއްވުމުގެ ކުރީން ނިޒާމެއް ވޯޓެއް ނެގުމަކީ ގާނޫނު އަސާސީގެ ރޫހާ ޚިލާފު އަދި ބައިނަލް އަގުވާމީ މުޖުތައުގައި އަމަލު ކުރާ އުސޫލުތަކާ މުޅީން ޚިލާފުކަމެއް ކަމަށެވެ.
އެމްއެންޕީގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވީ ކުރިޔަށް އޮތް 5 އަހަރަށް ރިޔާސީ ނިޒާމެއްގެ ދަށުން ވެރިކަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބުކޮށްފައި ވަނިކޮށް ވެރިކަމުގެ ނިޒާމު ފުރޮޅާލައި ރައްޔިތުން ނިންމާފައިވާ ނިންމުން ބަދަލުކުރަން އުޅުމަކީ ކުރެވިގެންވާނޭ ކަމެއްނޫން ކަމަށެވެ.
ރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމު ކަނޑައެޅީ 2007 އޮގަސްޓު 18 ގައި ރައްޔިތުންގެ މެދުގައި ނެގި ސިއްރު ވޯޓަކުންނެވެ. އެ އިންތިޚާބުގައި 199,841 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނުއިރު ވޯޯޓުގައި ބައިވެރިވީ 155,890 މީހުންނެވެ.
ރިޔާސީ ނިޒާމެއް އޮންނަން ފެންނަ ކަމަށް 95,619 (%62.04) މީހުން ވޯޓު ދިންއިރު, ބަރުލަމާނީ ނިޒާމެއް އޮންނަން ފެންނަ ކަމަށް ވޯޓުދިނީ 58,508 (%37.96) މީހުންނެވެ. ބާތިލު ވޯޓުގެ އަދަދަކީ 1767 އެވެ.