ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ އިސް ވެރިން ރާއްޖެއިން ފުރުން މަނާކުރަން ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު މިއަދު ގޮވާލައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖަމީލު ވިދާޅުވީ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގައ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމާއެކު އިންތިގާލީ މަަރުހަލާގައި ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭ ދެ ކަމެއްވާ ކަމަށެވެ.
އޭގެތެރެއިން އެއްކަމަކީ މި ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަނާގުޅޭ ލިއެކިއުންތަކަށް ބަދަލު ގެނައުމާއި/ނައްތާލުމުގެ ފުރުސަތު ނުދިނުން ކަމަށް ޖަމީލު ވިދާޅުވިއެވެ.
ދެވަނަ ކަމަކީ ބޭރު ސިފައިންނާގުޅޭ އެއްބަސްވުންތަކާއި ކަނޑު ވިއްކުމާގުޅޭ ލިޔުންތައް ބެލެހެއްޓުން ކަމަށާއި މި ދެކަމުގައި ޒިންމާ އުފުލަންޖެހޭ ކުންފުނިތަކުގެ ވެރިން ފުރުން މަނާކުރަންޖެހޭ ކަމަށް ޖަމީލު ވިދާޅުވިއެވެ.
”މި ދެކަމުގައި ޒިންމާ އުފުލަންޖެހޭ ކުންފުނިތަކުގެ ވެރިން، ސްޓެލްކޯ ޝަރީފު، ފެނަކަ ސަޢީދު، މޫކޭ، އެމްޓީސީސީ އާދަމް، އަދި ފައިނޭންސް އަމީރު، ރިފްޢަތު، މާރިޔާފަދަ މީހުން ފުރުން މަނާކުރުން.“
އަދި މިއީ އަޅުވެތިކުރުމާއި ވައްކަމާއި ދެކޮޅަށް ރައްޔިތުން ދިން ވޯޓެއްކަން ހަނދާން ކުރަންޖެހޭ ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.