ވެރިކަމުގެ ދައުރު ނިމުމުން ލިބިވަޑައިގަންނަވާ ހުސް ވަގުތުތަކުގައި އެމަނިކުފާނަށް ކުރެއްވިދާނެ ބައެއް ކަންކަން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވިދާޅުވީ އެމަނިކުފާނަކީ ނޫސްވެރިކަމުގެ ތެރޭގައި ވެސް އުޅުއްވާފައިވާ ބޭފުޅެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ކޮލަމް ވެސް ލިޔެވިދާނެ ކަމަށެވެ.
މީގެއިތުރުން އެމަނިކުފާނަކީ ފޮޓޯ ވެސް ނަންގަވާ ބޭފުޅެއް ކަމަށާއި ކެމެރާ ހިއްޕަވައިގެން މަގުމަތީގައި ފޮޓޯ ނަންގަވަން އުޅުއްވިދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
“ނޫސްވެރިކަމުގެ ތެރޭގަ ވެސް އުޅެފަ ހުރި މީހެއް. ތިއިން ބޭފުޅަމު އަޅުގަނޑަށް ކޮލަމެއް ދެއްވައިފިއްޔާ ދޭތެރެއަކުން ލިޔެލާނަން ކޮންމެސް އެއްޗެއް. އެކަން ވެސް އަޅުގަނޑަށް ކުރެވޭނެ. އަޅުގަނޑަކީ އަނެއްހެން ފޮޓޯ ވެސް ނަގާ މީހެއް. ކެމެރާ ހިފައިގެން މަގުމަތީގަ ވެސް އަޅުގަނޑަށް އުޅެވޭނެ އިނގޭތޯ. މިކަހަލަ ކިތަންމެ ކަމެއް.“
ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ބޮޑަށް ފޯކަސް ކުރައްވާނީ އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައިި ބާއްވައި ވަރުގަދަ އިދިކޮޅު ޕާޓީއަކަށް ހެދުމަށް ކަމަށެވެ.