ގައުމުގެ ހަމަޖެހުމާއި ކުރިއެރުމަށްޓަކައި އަލަށް އަންނަ ވެރިކަމަށް އެއްބާރުލުން ދޭންޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މައުމޫން ވިދާޅުވީ ޑިމޮކްރަސީއެއްގައި ވެރިކަން ބަދަލުވަނީ އިންތިޚާބުން ކަމަށެވެ.
އެހެންކަމުން ގައުމުގެހަމަޖެހުމާއި ކުރިއެރުމަށްޓަކައި އިންތިޚާބުން އަލަށް އަންނަ ވެރިކަމަށް މަރުހަބާ ކިޔައި އެއްބާރުލުން ދިނުމަކީ ރައްޔިތުންގެ ޒިންމާއެއް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވާތީ އެކަމަށް އިޝާރަތް ކުރައްވައެވެ.
މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ނިޒާމީ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހުން ގަރާރެއް ފާސްކޮށް އިލެކްޝަންސް ކޮމިޝަނަށް ފޮނުވުމުން އެ ކޮމިޝަނުން ވަނީ މި މަހުގެ 29 ގައި ނިޒާމީ ވޯޓު ނެގުމަށް ނިންމައިފައެވެ.
ބަރުލަމާނީ ނިޒާމާ ދެކޮޅު ހައްދަވައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލް ވެސް ވިދާޅުވީ އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒަށް ވެރިކަން ކުރައްވަން ފުރުސަތު ދޭންޖެހޭ ކަމަށެވެ.