އެމަނިކުފާނުގެ އަމިއްލަ ވިސްނުމުގައި ގައުމަށް އެންމެ ރަނގަޅީ ރިޔާސީ ނިޒާމު ކަމަށާއި އެމްޑީޕީގެ ރޫހު ހުރީ ވެސް އެފަދައިން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ނިޒާމީ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހުން ގަރާރެއް ފާސްކޮށްފައިވީ ނަމަވެސް އެމްޑީޕީން އަދި އެކަމަށް ގޮތެއް ނިންމާފައެއް ނުވެއެވެ.
ރައީސް ޞާލިޙް ކުރިން ވިދާޅުވީ ރިޔާސީ އިންތިޚާބަށްފަހު ޕާޓީން އެކަމަށް ގޮތެއް ނިންމާނެ ކަމަށެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވިދާޅުވީ ނިޒާމީ ވޯޓާމެދު ގޮތެއް ނިންމާނީ ޕާޓީން ކަމަށާއި އެމަނިކުފާނުގެ އަމިއްލަ ވިސްނުމުގައި ގައުމަށް އެންމެ ރަނގަޅީ ރިޔާސީ ނިޒާމު ކަމަށެވެ.
“އެއީ އަޅުގަނޑުގެ އަމިއްލަ ވިސްނުން. ޕާޓީގެ ނިންމުން ޕާޓީން ނިންމާނެ.“ ކުރިއަށްވަޑައިގަންނަވާނީ ޕާޓީގެ ނިންމުމާ އެއްގޮތަށްކަން ފާހަގަކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ %99 ބަރުލަމާނީއާ ދެކޮޅެވެ.
އެމްޑީޕީން ވަނީ ނިޒާމީ ވޯޓާމެދު އެ ޕާޓީގެ ސްޓޭންޑް ކަނޑައެޅުމަށް މި ހަފުތާގައި ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން ތައްޔާރުވަމުންނެވެ.