ޤާނޫނީ އިމުން ބޭރުން އެއްވެސް ކަމެއް ވެރިކަމުގެ ތެރޭގައި ކުރައްވާފައި ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބަށްފަހު ނޫސްވެރިންނާއި ބައްދަލު ކުރައްވާ މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ ވެރިކަމުގެ ތެރޭގައި ޤާނޫނީ އިމުން ބޭރުން ކަމެއް ކޮށް، އެ މަނިކުފާނަށް ޖަވާބުދާރީ ނުނެވޭ ވަރުގެ ކަމެއް ނުވަތަ ކުރިމަތި ނުލެވޭ ވަރުގެ ކަމެއް ކޮށްފައި ނުވާނެ ކަމަށާއި ކަންބޮޑުވާންޖެހޭ އަދި ގޯސްކޮށް ކޮށްފައިވާ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.
ފިލައިގެން ރާއްޖެއިން ބޭރުގައި ދިރިއުޅެން ޖެހޭ ވަރުގެ އެއްވެސް ކަމެއް ގޯސް ގޮތަކަށް ކޮށްފައި ނުވާނެ ކަމަށާއި ދިރި އުޅުއްވާނީ މާލޭގައި ނުވަތަ އަމިއްލަ އުފަން ރަށުގައި ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ނަމަވެސް އެ މަނިކުފާނުގެ ވެރިކަމުގައި ހިނގައިދިޔަ ބައެއް ކަންކަމާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން އެކި ތުހުމަތު ކުރައްވަމުން އަންނަ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކަނޑުގެ މައްސަލާއާއި، އިންޑިއާގެ ސިފައިންގެ މައްސަލާގައި ބައެއް އެއްބަސްވުންތަކާއި މެދު ބައެއް ފަރާތަތަކުން ސުވާލުތައް އުފެއްދަމުން އަންނަ ކަމަށެވެ.
ހަމަ އެހެންމެ އެ ކަންކަމާއި ގުޅޭ ލިޔެކިޔުންތައް ސަރުކާރުގެ އިދާރާތަކުގައި ދެން އަންނަ ވެރިކަމަކަށް ފެންނަން ހުންނާނޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.