ވެރިކަމުގައި ފާއިތުވި ފަސް އަހަރު ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދެއްވިޖެ ކަމުގެ އިހުސާސް ކުރެވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބަށްފަހު ނޫސްވެރިންނާއި ބައްދަލު ކުރައްވާ މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ޞާލިހް ވިދާޅުވީ ކޯވިޑާއި، އެނޫންވެސް ގޮންޖެހުންތަކާއި ތަފާތު ހިޔާލުތަކާއިއެކު ކޯލިޝަނެއްގެ ތެރެއިން އެންމެން ގޮވައިގެން ޤައުމަށް ގެނެވުނު ހެޔޮ ބަދަލުތަކާއިމެދު އުފާ ކުރައްވާ ކަމަށެވެ.
އެގޮތުން ވެރިކަމުގެ ތެރޭގައި ދިމާވި ބޮޑެތި ގޮންޖެހުންތަކާއިއެކު ހެޔޮ ވެރިކަމެއް ރައްޔިތުންނަށް ކޮށްދެވުނު ކަމުގެ އިހުސާސް ކުރެވޭ ކަމަށް ރައީސް ޞާލިހް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ފާއިތުވި ފަސް އަހަރު އެ މަނިކުފާނާއިއެކު ފަސް އަހަރު މަސައްކަތް ކުރެއްވި ކެބިނެޓްގެ ވަޒީރުންނާއި، ރައީސް އޮފީހުގައި މަސައްކަތް ކުރެއްވި ބޭފުޅުންނާއި މަޖިލީހުން އެއްބާރުލުން ދެއްވި މެމްބަރުންނާއި ސަރުކާރުގެ އޮފީސް ކުންފުނިތަކުގެ ބޭފުޅުންނަށް ރައީސް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކޮށް ފައްކާކުރަން ކުރަން އެ މަނިކުފާނު ނިސްބަތްވާ އެމްޑީޕީގެ ތެރެއިން މަސައްކަތް ކުރައްވާނެ ކަމަށެވެ.