ހަނދުގެ ސައުތު ޕޯލްއަށް އިންޑިއާގެ ޖައްވީ އުޅަނދެއް ޖައްސާފައިވާ ކަމަށް ބުނާވާހަކައާމެދު ޗައިނާގެ ސައިންސްވެރިޔަކު ސުވާލު އުފައްދައިފިއެވެ.
ޗައިނާގެ ހަނދު ޕްރޮގްރާމުގައި އިސްކޮށް ހަރަކާތްތެރިވާ ޗައިނާގެ ސައިންޓިސްޓެއް ކަމަށްވާ އޮޔަންގް ޒިޔުއާން ވިދާޅުވާ ގޮތުގައި އިންޑިއާގެ ޗަންދުރަޔާން-3 ވިކްރަމް ލޭންޑާ ހަނދުގެ ދެކުނު ޕޯލް ކައިރިއަށް ޖައްސާފައެއް ނުވެއެވެ.
ޒިޔުއާން ވިދާޅުވީ ލޭންޑާ ޖެއްސީ 69 ޑިގްރީ ދެކުނު ލެޓިޓިއުޑްގައި ކަމަށާއި އެއީ ހަނދުގެ ދެކުނު ޕޯލްއާ ވަރަށް ދުރުކަމަށެވެ. އޭނާ ބުނަނީ ވިކްރަމް ލޭންޑިން ސައިޓް ކަމަށް އެބުނާ ސަރަހައްދަކީ ހަނދުގެ ސައުތު ޕޯލް ސަރަހައްދުގައި އޮތް ތަނެއް ނޫން ކަމަށެވެ.
ޒިޔުއާން ވިދާޅުވި ގޮތުގައި ޗަންދުރަޔާން-3 އޮތީ ޕޯލާ ސަރަހައްދާ ގާތްގަނޑަކަށް 619 ކިލޯމީޓަރު (385 މޭލު) ދުރުގަ އެވެ.
މި ދެބަސްވުންތަކާ އެކުވެސް، ޗަންދްރަޔާން-3 ޖެއްސުމަކީ ސައިންސްވެރިންނަށް ވަރަށް މުހިންމު ކަމެއް ކަމަށާއި، މި ސަރަހައްދުގައި ފިނިވެފައިވާ ފެނާއި މުސްތަގުބަލުގައި ކުރާ މިޝަންތަކަށް މުހިންމު އަގުހުރި މާއްދާތައް ހުންނާނެ ކަމަށް ސައިންސްވެރިން ގަބޫލުކުރެ އެވެ.