ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަލުން އެމްޑީޕީއަށް ގެނައުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުގެ ހުރިހާ މެންބަރުން ތާއީދު ކުރެއްވިޔަސް އޭނާ އެކަމަށް ތާއީދު ނުކުރައްވާނެ ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން (އިދާރީ) އިބްރާހިމް ވަޙީދު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިިލީހުގެ %50 ތާއީދު އޮތްނަމަ އަލުން ޕާޓީއާ ގުޅިވަޑައިގަތުމަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލަށް މެސެޖެއް ފޮނުއްވައިފައެވެ.
އެގޮތުން ފައްޔާޟް ވަނީ ރައީސް ނަޝީދުގެ މެސެޖު ގައުމީ މަޖިިލީހުގެ މެންބަރުންނާ ހިއްސާ ކުރައްވައިފައެވެ.
ެެއެކްސްގައި އިބުރޭ ކުރެއްވި ޕޯސްޓެއްގައި ވަނީ ގައުމީ މަޖިލީހުގެ އެންމެން ތާއީދުކުރިޔަސް ނަޝީދު ގެނައުމަށް އޭނާ ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި ނަޝީދަކީ ޒަމާާންވީ ދެ ރަހުމަތްތެރިން ކަމުގައިވީ ނަމަވެސް މި ދައުރުގެ މެދެއްހައި ހިސާބުން ފެށިގެން ދެބޭފުޅުންގެ ދެމެދުގައި އުފެދުނު ޚިޔާލުތަފާތުވުންތަކާ ގުޅިގެން ގުޅުން އޮތީ ހީނަރުުވެފައެވެ. އޭގެފަހުން މިދިޔަ ޖޫން 21 ގައި ނަޝީދު ވަނީ އެމްޑީޕީން ވަކިވެވަޑައިގެން ދަ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފައެވެ.
ޑިމޮކްރެޓްސްއަކީ އެމްޑީޕީގައި ތިއްބެވި ރައީސް ނަޝީދުގެ އަރިސް މެންބަރުން އެ ޕާޓީން ވަކިވެ ނަޝީދުގެ ލަފަޔާއި އިރުުޝާދުގެ ދަށުުން އުފެއްދެވި ޕާޓީއެކެވެ.