ވެރިކަން ބަދަލުވުމުގެ މަރުހަލާ ވީހާވެސް އޮމާންކަމާއެކު ކަންކަން ކުރިއަށް ގެންދެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ޚާއްސަ ޓީމެއް އެކުލަވައިލައްވައިފިއެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒާ ބައްދަލު ކުރައްވައި ރައީސް ޞާލިޙް މިއަދު ތަހުނިޔާ ވިދާޅުވެފައެވެ.
ރައީސް އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ރައީސް ޞާލިޙް ވަނީ ރައްޔިތުންގެ މި ނިންމުން ގަބޫލުކުރައްވައިި ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރާ ގާނޫނު ކަމަށްވާ ”ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ގާނޫނު“ ގައިވާ ގޮތުގެ މަތިން ކުރައްވަންޖެހޭ އެންމެހައި ކަންކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ކުރައްވަންޖެހޭ ކަންކަން ވީހާވެސް އޮމާންކަމާއެކު ގެންދެވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އެގޮތުން އެ ކަންކަން ކުރިއަށް ގެންދެވުމަށްޓަކައި ޚާއްސަ ކޮމިޓީއެއް މިއަދު އުފައްދަވައިފި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުން ކޮމިޓީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވާނީ ރައީސް އޮފީހުގެ ސެކްރެޓެރީ ކޯޕަރޭޓް ސަރވިސް ޙުސައިން ޢާމިރެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ހުރިހާ ކަމެއް ހިނގަމުންދާ ގޮތް ރައީސް އޮފީހުގެ ފަރާތުން ވިލަރެސް ކުރައްވާނީ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު ކަމަށާއި އިންތިޚާބީ ރައީސްގެ އޮފީހަށް ބޭނުންވާ އެހީތެރިކަން ދެއްވުމަށްޓަކައި ރައީސް އޮފީހުގެ ކަމާބެހޭ ފަންނީ ބޭފުޅުން ހިމެނިވަޑައިގަންނަވާ ޓީމެއްގެ އެހީތެރިކަން ލިބިވަޑައިގަންނަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި އިންތިޚާބީ ރައީސް ޑރ.މުޢިއްޒު ވަނީ ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ކަންކަން ވީހާވެސް އޮމާންކަމާ އެކީގައި ގެންދިޔުމަށް ބޭނުންފުޅުވާ އެއްބާރުލެއްވުން އެ ބޭފުޅުންގެ ފަރާތްޕުޅުން ވެސް ލިބިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.